ހދ. ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު އަތޮޅުގެ ހުސް ކުރަން ފިނޭންސް މިނިސްޓްރީންނާއި ރައީސް އޮފީހުން އަތޮޅު ކައުންސިލަށް އަންގައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު އަތޮޅުގެ ހުސް ކުރަން ފިނޭންސް މިނިސްޓްރީންނާއި ރައީސް އޮފީހުން އަތޮޅު ކައުންސިލަށް އަންގައިފައި ވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ޚަލީލް ކުޅުދުއްފުށީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް އަތޮޅުގެ ހުސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
ދުވަހު ނޫސް ހަވީރަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ވަހީދު ވިދާޅުވެފައިވަނީ އަތޮޅުގެއާ ބެހޭގޮތުން ފިނޭންސް އިން ފުލުހުންނަށް އެންގި އެންގުމަކާ ގުޅިގެން ކައުންސިލަށް ފެންނަ ގޮތެއް ބުނުމަށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފުލުހުން އެދިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ނޫން ރަށްރަށަށް ނިސްބަތްވާ ކައުންސިލަރުން އަތޮޅުގޭގައި ތިބޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި އެ ތަން ހުއްޓަސް އިއުތިރާޒެއް ނެތް ކަމަށް ކައުންސިލުން ފުލުހުންނަށް ޖަވާބުދީފައި ވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ފުލުސް އޮފީހުން އިއްޔެ ބުނީ ހދ. އަތޮޅުގެއާ ހަވާލުވާން ފުލުހުން މަސައްކަތްކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ގައުމީ އިދާރާ އިން ރަސްމީ ބޭނުމަކަށް އެ ތަން ބޭނުން ވެގެން އެދުމުން ފުލުހުން ވަނީ އެ އިދާރާ އާއި އަތޮޅު ކައުންސިލުން މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީފައި ކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.
ހދ އަތޮޅު ކައުންސިލްގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ އަދި މިހާތަނަށް ރަސްމީ ސިފައެއްގައި ކައުންސިލުން އަތޮޅުގެއާ މެދު ވަކި ގޮތެއް ނިންމަވާފަ ނުވިނަމަވެސް ކައުންސިލުގެ ވިސްނުންހުރީ ކުރިއަށްއޮތް ތަނުގައިވެސް ހދ އަތޮޅުގެ އެ ކައުންސިލުގެ ދަށުގައި ބޭއްވުމަށެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މަތިއުތުރުގެ ގައުމީ އިދާރާ އާއި ފުލުހުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މައްސަލާގައި މީގެ ކުރިން މަތިއުތުރު ގައުމީ އިދާރާއިން ބުނެފައިވަނީ ކައުންސިލަށް އަތޮޅުގެ ނުލިބޭނެ ކަމަށާއި އެތަން ހުންނާނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ، އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން އެގާނޫނަށް އަމަލުކުރަން ފެށުމާއެކު ބަދަލުވެގެންދާނީ އަތޮޅު ކައުންސިލާއި ރަށްރަށުގެ ރަށު ކައުންސިލުތަކުގެ ބެލުމުގެ ދަށަށް ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅުގެ ކުރިން ހުރީ އަތޮޅު އޮފީހުގެ ނަމުގައެވެ. އެހެންނަމަވެސް އޭގެ ފަހުން މަތި އުތުރު ޕްރޮވިންސްގެ ބެލުމުގެ ދަށަށް އަތޮޅު އޮފީސް ގެންގޮސްފައިވެއެވެ.