twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެދުކެނޑިފަ އޮތުމަށް ފަހު ހދ އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުންތަކުގެ ނިންމުން ނޯޓިސް ބޯޑަށް ނެރެން ފަށައިފި

Aug 5, 2018

މެދުކެނޑިފަ އޮތުމަށް ފަހު ހދ އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުންތަކުގައި ނިންމުންތައް އާންމުނަށް ފެންނާނެހެން އެކައުންސިލުގެ ނޯޓިސް ބޯޑުގައި އާންމުކުރަން ފަށައިފި އެވެ.

އާންމުކޮށް ޖަލްސާތަކުގައި އެޖެންޑާ އާއި ނިންމުންތައް އަދި ޔައުމިއްޔާ އާންމުކުރަމުންގެންދަނީ ކައުންސިލްގެ ވެބްސައިޓްގަ އެވެ. ބައެއް ފަހަރު އާންމު ބައްދަލުވުންތަކުގެ ނިންމުންތައް ވަރަށް މަދު ފަހަރެއްގައި ނޫނީ މީގެ ކުރިން ނޯޓިސް ބޯޑަށް ނެރެފައެއް ނުހުރެ އެވެ.

އާންމު ބައްދަލުވުމުންތަކުގެ ނިންމުންތައް ގަވައިދުން ނޯޓިސް ބޯޑަށް ނެރެފައިހުރުމުން އެކަމާ ގުޅިގެން ކޭއޯއިން ސުވާލުކުރުން ހދ އަތޮޅު ކައުންސިލް ނައިބު ރައީސް އިބުރާހިމް އަލީ ވިދާޅުވީ އެކަންއެގޮތަށް ކުރުމަށް ލޯކަލް ކައުންސިލްގެ ގާނޫނުގައިވެސް ބާރުއަޅާފައިވާކަމަށެވެ.

އަދި އެކަން ވީހާވެސް ގިނަ ރައްޔިތުންނަށް ފެންނާނެހެން އާންމުކޮށްފައި ބެހެއްޓުމަކީ މުހިންމުކަމެއް ކަމަށާއި ނޯޓިސް ބޯޑަށް ބައްދަލުވުންތަކުގެ ނިންމުންތައް އާންމުނުކުރާކަން ފާހަގަވުމުން އެކަން ކުރަން ފެށީކަމަށް މިއަހަރުގެ މެއިމަހު ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވި އިބުރާހިމް އަލީ ވިދާޅުވި އެވެ.

” ވެބްސައިޓެއްގަ ކުރިކަމުގައިވިޔަސް ނޯޓިސް ބޯޑުގައިވިޔަސް އާންމުނަށް ފެންނާނެހެން އިންނަ ޖެހޭ، އަޅުގަނޑުމެންނަށް އެކަން ފާހަގަވީމަ އެކަން އަވަހަށް ބަދަލުކޮށްފައި އެއިނީ.” މަކުނުދޫ ދާއިރާގެ ގޮނޑިވެސް ފުރުއްވަމުން ގެންދަވާ އިބުރާހިމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި ގާނޫނޫގައިވާގޮތަށް އެކަން ކުރުމަށް ގަސްތުކޮށް، ނޯޓިސް ބޯޑަށް އާންމު ބައްދަލުވުންތަކުގެ ނިންމުންތައް ނެރެން ފެށީކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް ބައްދަލުވުންތަކުގެ ނިންމުން އާންމުކުރަމުންގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް އެނގިގެންދާނެކަމަށް ގަބޫލުކުރާކަމަށް އިބުރާހިމް ވިދާޅުވި އެވެ.

ކައުންސިލްގެ އާންމު ބައްދަލުވުންތައް ކޮންމެ ބުދަ ދުވަހެއްގައި ބާއްވަމުންދާއިރު ކުރިއަށް އޮތްތަނުގައި އެޖެންޑާވެސް އާންމުކުރާނެކަމަށާއި އޭރުން ޖަލްސާތައް އަޑުއެހުމަށް ކައުންސިލަށް ވަންނަން ބޭނުންވާ ރައްޔިތުންނަށްވެސް ފަސޭހަ ވެގެންދާނެކަމަށެވެ. އަދި އެކަމުގައި އެންމެ ރަނގަޅު އުސޫލަކީ ކޮބާ ތޯ ބެލުމަށް މަޝްވަރާކުރަމުންދާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭގައި އެކަމަށްވެސް ހައްލު ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް އިބުރާހިމް ވިދާޅުވި އެވެ.

މިދައުރުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްއަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން ހަސަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355