ށ. ފުނަދޫ އެއާޕޯޓުގައި އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާ ފުނަދޫ އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން މަހާޖައްރާފު ބޭނުން ކޮށްގެން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކައި ނިންމައިފަ އެވެ.
އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް މިރޭ ފަށާފައިވާއިރު މިއީ ތާރުއެޅުމުގެ ކުރިން އަޅާ ލޭޔަރެކެވެ. ތާރު އަޅާނީ އޭބީސީ ލޭޔަރުގެ މަސައްކަތް ނިމުމުންނެވެ.
މީގެ އިތުރުން ފުނަދޫ އެއާޕޯޓް އެޅުމަށް ހިއްކި ބިން ވަށާއި ބޮޑު ހިލަޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް މިހަރު ކުރިއަށް ދާއިރު އެ މަސައްކަތުގެ 91 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު 600 މީޓަރުގެ ތޮއްޓެއްލާގޮތަށް ވަނީ ހަމަޖެހިފަ އެވެ.