twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވައިފި

Apr 5, 2011

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދާފައިވާ “މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން”ގެ މެންބަރުކަމަށް، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަން ކުރައްވައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިއްޔެ އައްޔަންކުރެއްވި މެމްބަރުންނަކީ ހ. ރީތިގަސްދޮށުގެ މުހަންމަދު ޝަހީބާއި، މއ. ވިލުވެލި ބަދުރުއްނަސީރާއި ހ. ރަންކޮކާ އައިޝަތު ހަނާ އާއި މއ. ލައިޓްކޯނާ މަރިޔަމް ޝައުގީއާއި ވ. މަށިވެލި އިބްރާހީމް އަޝްރަފް އާއި ގ. ހާފްސީ މުއުމިނާ އާދަމްގެ އިތުރުން މ. ނޫވިލު އަބްދުﷲ ޝުޖާއު އެވެ.

އިއްޔެ ހަވީރު ރައީސް އޮފީހުގައި މިބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާއަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ސަރުކާރުން ދެކޭ ކަމަށާއި ގާނޫނުއަސާސީގެ ވެސް ރޫހަކީ އެއީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީ އާއި ހެޔޮވެރިކަން މިނިވަން މީޑިއާއެއް ނެތި ނުހޯދޭނެ ކަމުގައި ބަޔާންކުރައްވަމުން، މިޑިއާ ރެގިއުލޭޓް ކުރުމުގައި މިހާރު މިއޮތް މީޑިއާގެ މިނިވަންކަން ގެއްލިދާ ބާވަތުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

“މީގެ އިތުރުން، މިހާރު ގާނޫނީ ވަކި މުއައްސަސާއެއް މެދުވެރިވެ، ގާނޫނެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީގައި، މާ ހަރުދަނާ ގޮތުގައި މަސައްކަތް ކުރައްވައި ރާއްޖޭގެ ރައްޔިތުން މި އެދޭ ތަރައްގީ މި ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ” ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355