twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަންފަރު ތަރައްގީކުރާނީ ޖަޒީރާވަންތަ ނަމޫނާ ރަށެއްގެ ގޮތުގަ: އިބޫ

Aug 12, 2018

ހދ ނޮޅިވަރަންފަރުން ޖަޒީރާވަންތަ ހުރިހާ ސިފަތަކެއް ހުރިކަމަށް ވިދާޅުވެ އެރަށް ތަރައްގީކުރާ ޖަޒީރާވަންތަ ނަމޫނާ ރަށެއްގެ ގޮތުގައިކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިޙް(އިބޫ) ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި މިއަދު ނޮޅިވަރަންފަރަށް ވަޑައިގެން އިބުރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ޖަޒީރާވަންތަ ތަރައްގީއެއް ގެނެވިދާނެ ހުރިހާ ސިފަތަކެއް ނޮޅިވަރަންފަރުގައި އެބަހުރިކަމަށާއި ކޯލިޝަން ވެރިކަމެއްގައި ނޮޅިވަރަންފަރު ވެގެންދާނީ ޖަޒީރާވަންތަ ނަމޫނާ ރަށެއްގެ ގޮތުގައި ކަމަށެވެ.

ކައުންސިލްތައް ބާރުވެރިކުރުވާ ގާނޫނީގޮތުން ލިބިދޭންޖެހޭ ބާރުތައްދީ މާލީގޮތުން ފުދުންތެރި ކައުންސިލްތަކަށް ހެދުމަށް މެނިފެސްޓޯގައި ލިޔެފައިވާނެ ކަމަށާއި އެގޮތުން ރަށުގެ އިޙްތިސޯސް ތެރޭގައިވާ ބިންތަކާއި ފަޅުތައް ކައުންސިލްގެ ބާރުގެ ދަށަށް ގެނެސް އޭގެ ލިބޭ ކުލީގެ ޕަސެންޓެއް ކައުންސިލްތަކަށްދީ ރަށުގައި ކުރަން ހުރި މަސައްކަތަށް ކުރާނެކަމަށެވެ.

އިބޫ ވިދާޅުވީ ކައުންސިލްތަކަށް ބާރުދީ މައި ސަރުކާރުން ދޭން ޖެހޭ އެހީތެރިކަންދީ ރަށްރަށް ތަރައްގީކުރުމަށް ބޮޑެތި މަސައްކަތްކުރާނީ ކައުންސިލްތައް މެދުވެރިކޮށްކަމަށެވެ.

މިވެރިކަމުގައި އެތަށް އަހަރެއް ވެގެންދިޔައިރުވެސް ނޮޅިވަރަންފަރުގައި ގެދޮރުވެރިކަމުގެ މައްސަލަ ރައީސް ޔާމީންގެ ސަރުކާރުން ހައްލުނުކުރެވިފައިވާކަމަށާއި އިދިކޮޅުވެރިކަމެއްގައި އެމައްސަލަ ހައްލުކުރާނީ ނޮޅިވަރަންފަރު ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވި އެވެ.

ޓްރެއިނިންގ ރިސޯޓެއް ތަރައްގީކުރުމަށް ބިމެއް ކަނޑައެޅިފައިވިޔަސް އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައިނުވާއިރު، މިރަށަކީ ލޯކަލް ޓޫރިޒަމަށް ކުރިއަރުވުމަށް ފަހިރަށެއްކަމުން ނޮޅިވަރަންފަރުގައި ލޯކަލް ޓޫރިޒަމް ފަށާނެކަމުގެ ޔަގީންކަން އިބޫ އެރަށުގެ ރައްޔިތުންނަށް ދެއްވި އެވެ.

ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ލިބި ތާޒާކަން މަތީ ބާޒާރަށް ނެރެވޭނެ ގޮތް އެބޭފުޅުންގެ ވެރިކަމެއްގައި ހޯދައިދޭނެ ކަމަށާއި ރަށްރަށުގެ ބިން ސާފުކޮށް ކުނިކަހާ ފަރާތްތަކަށް ލިބޭ އާންމުދަނީވެސް އިދިކޮޅު ސަރުކާރެއްގައި އިތުރުކުރާނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355