ކޯލިޝަން ސަރުކާރެއްގައި ހދ. އަތޮޅުގެ ފަތުރުވެރިކަންފުޅާކޮށް އާއިލާ ވަޒީފާ އަދާކުރެވޭނެ ގޮތެއް ހަދައިދެއްވާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކޮށް، އާއިލާއާ ކައިރީގައި ވަޒީފާ އަދާކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
ހދ. އަތޮޅުގައި މިވަގުތު ހިންގަމުން ގެންދަނީ 50 އެނދުގެ އެންމެ ރިސޯޓެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ހިރިމަރަދޫ ކައިރީގައި ހުރި ރަށްތަކުގައި ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށެވެ. އެއާއެކު ރަށާއި އާއިލާއާ ކައިރީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު މިސަރަހައްދުގެ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މިހާރަށްވުރެ ފަސޭހައިން އެއް ރަށުން އަނެއް ރަށަށް ފެރީގައި ދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންނަށް ފަސޭހަކަމާއެކު ރަށްރަށަށް ދަތުރުކުރުމަށް ފެރީގެ ހިދުމަތް ހަރުދަނާކުރައްވާނެ ކަމަށެވެ.
އިބޫ މިއަދު ހދ ހިރިމަރަދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ–
ހދ އަތޮޅުގެ ރަށްތަކަށް އިބޫ ފައްޓަވާފައިވާ މިދަތުރުފުޅުގައި މިއަދު 6 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ މަކުނުދޫއަށެވެ. މިރޭ އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް މަކުނުދޫގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.