twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރެޑްކުރެސެންޓް ދަރުމަވެރިންނާއެކު ހިނގާ އަމީނީމަގު ސާފުކޮށްލަމާ !

Aug 14, 2018

ކުޅުދުއްފުށީ އަމީނީމަގަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ މަގެކެވެ. ރަށުގެ ބޮޑުމަގެވެ. އެންމެ ކާރޫބާރޫ ބޮޑުމަގުވެސް މެ އެވެ. ތާރުއަޅައިގެން ހަދާފައިވާ މިމަގު ބޭނުންކުރުމުގައި އޮތް އެންމެ ބޮޑު އުނދަގުލަކީ ވެލި އަރާފައިވާ އޮންނަ އޮތުމެވެ. އޭގެ ސަބަބުން ހިރަފުސް އަރާ މަގު ބޭނުންކުރުމުގައި އިންތިހާއަށް އުނދަގުލެވެ.

ބައެއް ގޭބިސީތައް ހުންނަ ސަރަަހައްދުތަކުން ވެލި ނުފޮޅުމުގެ ސަބަބުން ހިރަފުސްވެ އުނދަގުލާކުރިމަތިވެ އެވެ. މި މަގުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އަންނަނީ މި މަގު ކޮންމެސްވަރަކަށް ސާފުވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އަދި އެކި އެކި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެހެން ބައެއް ފަރާތްތަކުންވެސް މި މަގު ސާފުކުރުމުގެ ޕުރޮގުރާމް ކުރިއަށްގެންދެ އެވެ.

މިފަހަރު އަމީނީމަގު ސާފު ކޮށްލަން އަތުކުރި އޮޅާލައިގެން ނިކުންނަން ތައްޔާރުވަމުންދަނީ ދިވެހި ރެޑްކުރެސެންޓްގެ ހދ ބުރާންޗްގެ ހީވާގީ ދަރުމަވެރިންނެވެ. އެ ދަރުމަވެރިންނަކީ މިހާރު ރަށާއި އަތޮޅުގައި ދަރުމައަށް ގިނަ މަސައްކަތެއް ކުރަމުންދާ ކެރޭ ހިތްވަރު ގަދަ ޒުވާން ޓީމެކެވެ

ދިވެހި ރެޑްކުރެސެންޓްގެ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ އަމީނީމަގު ސާފުކުރަން ނިންމީ އީދާ ދިމާކޮށް ރަށަށް ގިނަބަޔަކު އަންނަ ދުވަސްކޮޅަކާ ދިމާކޮށް ހިރަފުހުގެ ސަބަބުން ފެތުރޭ ބަލިމަޑުކަމުން ރައްކާތެރިވުމުގެ މަގުސަދުގައިކަމަށް ދިވެހި ރެޑް ކުރެސެންޓް ހދ ބުރާންޗްގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން އަބުދުﷲ ވިދާޅުވިގޮތުގައި މި މަސައްކަތުގައި މުވައްސަސާތަކާއި ސްކޫލްތަކާއި ރައްޔިތުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން މުއައްސަސާތަކާއި ބައްދަލުކުރައްވަމުންދާކަމަށް ވެސް އެފަރާތުން ހާމަކުރެއްވިއެވެ.

އަމީނީމަގު ސާފުކުރުމުގެ ޕްރޮގުރާމް ކުރިއަށްދާނީ މި އޯގަސްޓްމަހުގެ 17 ވާ ހުކުރުދުވަހު ހެނދުނު 6:00 – 7:30 އަށެވެ. މި ޕްރޮގުރާމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނެ އެވެ. އިޖްތިމާއީ މިފަދަ މަސައްކަތްތަކުގެ ހުރިހާ ރައްޔިތުން އުފަލާއެކު ބައިވެރިވަމާ ތޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355