twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެންމެ ބޮޑު ކަނޑޫފާ އޮތް ނޭކުރަންދޫއަށް ގެސްޓްހައުސް ވިޔަފާރި ތައާރަފްކޮށް، ފުޅާކުރެވޭނެ: އިބޫ

Aug 13, 2018

ހދ. ނޭކުރަންދޫއަށް ގެސްޓްހައުސް ވިޔަފާރި ތައާރަފުކޮށް، އެރަށު ބޮޑު ކަނޑޫފާ ބޭނުންކޮށްގެން އެ ވިޔަފާރި ތަރައްގީކުރައްވާނެކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހދ.ނޭކުރަންދޫއަށް ވަޑައިގަތް، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބުރާހިމް މުހަންމަދު ސޯލިޙް ވިދާޅުވީ ނޭކުރަންދޫއަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރެވިދާނެ ރަށެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި ތައާރަފުކުރާއިރު އެރަށުގެ ބޮޑު ކަނޑޫފާ ބޭނުންކޮށްގެން އިތުރަށް ތަރައްގީކުރެވޭނެކަމަށް އިބޫ ވިދާޅުވި އެވެ. އެ މަސައްކަތް އިދިކޮޅު ކޯލިޝަން ވެރިކަމުގައި ކުރާނެކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ގެސްޓްހައުސް އެންމެ ފުރަތަމަ ތަރައްގީކުރާ ރަށްތަކުގެ ތެރޭގައި ނޭކުރަންދޫ ހިމެނިކަމަށާއި ނަމަވެސް ކަންދިމާވި ގޮތުން ދައުރު ނުނިމެނީސް ވެރިކަމުން ދުރަންދާން ޖެހުމުން އެކަން ނުވީކަމަށެވެ.

ނޭކުރަންދޫއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ އޮތް ރަށް އަދި އޭޝިޔާގައި ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާވެސް މެ އެވެ. މީގެ އިތުރުން އަދި ދުނިޔޭގެ ނިސްބަތުން ނަމަ 10 ވަނައަށް އެންމެ ބޮޑު ކަނޑޫފާއަކީ ނޭކުރަންދޫ ކަނޑޫފާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ކަނޑޫފާ ބޭނުންކޮށްގެން އެތަށް ވިޔަފާރިއެއް ކުރެވިދާނެކަން ފާހަގަކުރައްވާފަ އެވެ.

“އެހެން އޮތް ތަނެއް އޭގެ ބޭނުން ނުކުރެވި މިއޮތީ. ގެސްޓްހައުސް ހަދައި އެކަން ދިރުވަމުންދާއިރުގައި ކަނޑޫފާއަކީ ހިމާޔާތްކޮށްގެން އޭގެ ބޭނުން ކުރެވޭނެ ތަނަކަށް ހެދޭނެ. އަދި ކެއުމަށްވެސް ބޭނުންކުރެވޭނެ. ކޯލިޝަން ވެރިކަމެއްގައި ނޭކުރަންދޫގައިވެސް ވަޒީފާތައް އުފެދޭގޮތް ހަދާނަން.” ނޭކުރަންދޫގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭކުރަންދޫއަކީ ވަޑިންނާއި ކޮންސްޓްރަކްޝަން ދާއިރާގެ މީހުން އެންމެ ގިނަ ރަށްކަމަށާއި އެހެންނަމަވެސް ރަށުގައި ވަޒީފާ އަދާކުރާނެ ފުރުސަތު ނެތުމުން ރަށުގެ ގިނަ ރައްޔިތުންތަކެއް އުޅެމުންދަނީ މާލޭ ސަރަހައްދުކަމަށެވެ. ކޯލިޝަން ވެރިކަމެއްގައި ނޭކުރަންދޫގައި ވަޑިން ތަމްރީންކުރުމަށް ޕްރޮގުރާމްތައް ހިންގާނެކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355