twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖުލައި މަހު 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

Aug 13, 2018

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސަބުތަކުން ދައްކައިފި އެވެ.

އެގޮތުން މި އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.96 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައި މަހު މިޢަދަދުވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ފާއިތުވި ޖުލައި މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ޖުލައި މަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު 203 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 263 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ 26 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސި ވިލާތަށް 19 އިން ސައްތަ އަދި ޖަރުމަން ވިލާތަށް 16 އިން ސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ އިިތުރުން އެމެރިކާއަށް 9 އިން ސައްތަވަނީ އެކްސްޕޯޓްކުރެވިފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު ހުސްވި ޖުލައި މަހު %11 އިތުރުވެފައެވެ. މިއަހަރުގެ ޖުލައި މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 282 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 254 މިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355