ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް މިއަދު ބައްލަވައިލައްވައިފި އެވެ.
އިބޫ ވަނީ މިއަދު ހެނދުނު އެއާޕޯޓް ސަރަހައްދަށް ވަޑައިގަތް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ އެސަރަހައްދަށް ޒިޔާރަތްކުރައްވާފަ އެވެ.
އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ހުއްޓުވާނެކަމަށް ދެކެވޭ ވާހަކަތަކަށް އިބޫ ވަނީ ރޭ ރައްދުދެއްވާފަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް ހަދައި ސަރަހައްދަށް ވަޑައިގަތް އެސަރަހައްދު އިބޫ ބައްލަވައިލައްވަނީ–
އެގޮތުން ރޭ ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ހުއްޓާނުލާނެ ކަމަށާއި އިދިކޮޅު ވެރިކަމުގައި ކުޅުދުއްފުށީގައި އެއާޕޯޓް ހަދާނެކަމަށެވެ.
މިސަރުކާރުން ފައްޓަވާފައި ހުރި އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ހުއްޓާނުލާނެކަމަށް އިބޫ ވިދާޅުވި އެވެ. އެހެންނަމަވެސް މަޝްރޫއުތައް ހަވާލުކުރެވިފައިވާ ކިހިނެއްތޯ ބަލާނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.