twitterviber whatsapp telegramfacebookyoutube instagram
19th April 2024

ލާދީނީ ފިކުރު

Apr 6, 2011

ނަބީލް

ލާދީނީ ފިކުރަކީ ދީނާއި ފުށުއަރާ ކޮންމެ ފިކުރެކެވެ. ނަމަވެސް އެފިކުރު އެއީ ފަހަރުގައި ދީން ނައްތާލުމުގެ ބޭނުމުގައި ދީނީ ރޫހު މަރާލުމުގެ ނިޔަތުގައި ގެންގުޅޭ ފިކުރަކަށް ނުވެދާނެއެވެ. އަދި ލާދީނީ ފިކުރެއް ހުށައަޅާ ކޮންމެ މީހަކީ ލާދީނީ މީހެއް ވެސް ނޫނެވެ. ދީނުގެ ދުޝްމަނެއް ވެސް ނޫނެވެ. ގިނަ ފަހަރަށް އެފަދަ ކޮންމެ މީހަކު ދީނާއި ދުޝްމަނުވެގަނެގެން އުޅޭތީއެއް ވެސް ނުފެނެއެވެ.

ކިއެއްހެއްޔެވެ؟ ލާދީނީ މީހުންގެ ކިބައިން ދީނީ ޚިޔާލު އަންނަތަނާއި ދީނީ މީހުންގެ ކިބައިން ލާދީނީ ޚިޔާލު ފާޅުވާތަން ވެސް ފެންނަނީ މަދެއް ކޮށެއް ނޫނެވެ. އާއެކެވެ. ބަޔަކު މީހުންގެ މެދުން ހަމަނުޖެހުމާއި ތަޅާފޮޅުން ނައްތާލަން ގޮވާލަންޏާ އެއީ ކާފަރަކު ގެ ކިބައިން އައި ގޮވާލެވުމެއް ކަމަށް ވިޔަސް ދީނީ ފިކުރެކެވެ. ހަމަ މި ގޮތަށް، ދީނީ ތަޢުލީމު އުނގެނުމަކާއި ނުލައި ހިތުހުރިހާ ގޮތަކަށް ދީނުގެ ނަމުގައި ބަސްކިޔަމުން، ތިމާގެ ފިކުރު ގަބޫލު ނުކުރި ކޮންމެ މީހަކު ކާފަރު ކުރަމުން ހިނގާ މީހަކީ ކިތަންމެ ބޮޑު އިސްލާމެއް ނަމަވެސް ލާދީނީ ޢަމަލުތަކެއް ކުރަމުންދާ މީހެކެވެ.

އާންމުކޮށް ކަން ހިނގާ އުސޫލަކީ މީހާ ފާޅުކުރާ އެންމެ ޚިޔާލަކުން އެމީހަކު ވަކި ޖަމާޢަތަކަށް ނިސްބަތްކޮށްގަތުމާއި މީހާގެ ބޭރުފުށުގެ ސޫރައިން އެމީހެއްގައި ވަކިވައްތަރެއްގެ ސިއްކައެއް ޖެހުންކަމުގައި ވިޔަސް ހަގީގަތަކީ އެޔެއް ނޫނެވެ.

ދީނީ މީހުންނަކީ ކޮބައިތޯ ވިސްނިއިރު އެ ނަމުން މި ޒަމާނުގައި ނަންދީ އުޅެނީ ދީނޭ ކިޔައިގެން ވާހަކަ ދައްކާ މީހުންނަށާއި އަދި އެފަދައިން ވާހަކަ ނުދެއްކިޔަސް ތުނބުޅި ބަހައްޓައިގެން އުޅޭ ކޮންމެ މީހަކަށެވެ.

އެކަމަކު މިބުނި ސިފައަކުން ކުރެ ސިފައެއް ނެތް ކޮންމެ މީހަކީ ލާދީނީ މީހެކޭ ވެސް މީހުން ކިޔާތީއެއް ނާހަމެވެ.

ލާދީނީ މީހުންނޭ ބުނެ އެދިމާއަކަށް ދިއްކުރެވިފައިވާ އިނގިލިތަކުގެ ކުރިން ދުރަށް ނަޒަރެއް ދޭހިނދު ޢާންމުކޮށް އެދިމާއިން ފެންނަނީ އެބައެއްގެ ތަޢުލީމުގައި ދީނީ ފަސްމަންޒަރެއް ނެތް އެހެންނަމަވެސް ތަޢުލީމީ ޔާފުތާއިން ކަމުގައި ވީތީ ގައުމުގެ އިސް ކަންކަމުގައި ޚިޔާލު ފާޅުކުރާ ބައެއް މީހުންނެވެ.

އެމީހުންވެސް އެމީހުންގެ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ދަސްވެފައިވާ އެއްޗެއް ހާމަކުރަނީއެވެ. އޭގައި ގަބޫލުކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަން، އިސްލާހަށް ބޭނުންވާ ކަންކަންވެސް ހުންނާނެއެވެ. ދީނުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާ ކަމަކާއި ފުށުއަރާ ޚިޔާލެއް ވެސް ހުރެދާނެއެވެ. ނަމަވެސް ހަމަ ކުއްލިއަކަށް އެއިން ކޮންމެ މީހަކީ ކަނޑައެޅިގެން ލާދީނީ މީހެއް ކަމުގައި ނިންމާ ހުކުމްކޮށް ހެދުމަކީ ބުއްދިވެރިކަމާއި އެންމެ ދުރު ގޮތް ކަމުގައި ނޫނީ ނުވާނެއެވެ.

އޭގެ ސަަބަބުން އެބައިމީހުންނާ މިބައިމީހުންނާ މެދުގައި ހިތާއި ބަހުގެ ހަމަލާތައް ބަދަލުކުރެވުން ނޫން އެހެން ކަމެއް ދުވަހަކު ވެސް ނުއުފެދޭނެއެވެ. ގައުމަށް ކުރާނޭ ފައިދާއެއް ވެސް އެޔަކުން ނުމެ އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355