twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮޅުވެއްޓި ފަދަ ދަގަނޑު އުޅަނދު ފަހަރު ކުޅުދުއްފުށީ ލޯކަލް ބަނދަރު ބޭނުންކުރުން މަނާކޮށްފި

Aug 16, 2018

ކޮޅުވެއްޓި ފަދަ މުދާ އުފުލާ ބޮޑެތި ދަގަނޑު އުޅަނދު ފަހަރު ކުޅުދުއްފުށީ ލޯކަލް ބަނދަރު ބޭނުންކުރަން މަނާކޮށް، ތަންފީޒުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެފަދަ އުޅަނދު ފަހަރު ބަނދަރަށް ވަނުން މަނާކުރުމަށް ކައުންސިލުން ފާސްކުރީ، އެ އުޅަނދުތަކުން ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެވެ. އެގޮތުން އެ އުޅަނދުތައް ބަނދަރުގައި އަޅާފައި އޮންނައިރު ތޮށިގަނޑުގައި ޖެހި ބައެއް ފަހަރު ތޮށިގަނޑުން ތަންތަން ގަނޑު ނެއްޓުން ފަދަ ހާދިސާތައް ހިނގައިފައި އެބަ ހުއްޓެވެ.

އަދި މީގެ އިތުރުން އެފަދަ އުޅަނދުފަހަރު ގެންނަ ބައެއް ހެވީ ވެހިކަލްތައް ބަނދަރަށް ބާލާއިރު އެތަނުގައި އަޅާފައިވާ ޕޭވްމެންޓާއި ޖަހާފައިވާ ހޮޅިދަނޑިތަކަށްވެސް ބައެއް ފަހަރު ދަނީ ގެއްލުންވަމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ ކޮޅުވެއްޓި ފަދަ ދަގަނޑު އުޅަނދު ފަހަރުތަކުގެ ސަބަބުން ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އަދި އެފަދަ އުޅަނދުފަހަރުގެ ސަބަބުން ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވެސް ބޮޑުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ގަވައިދު ތަންފީޒުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާއިރު ބަނދަރު ސަރަހައްދު ބެލެހެއްޓުމަށް ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެމުވައްޒަފުންގެ އަތުގައި ކައުންސިލުން ދޫކޮށްފައިވާ ހާއްސަ ފާހެއް އޮންނާނެކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ދަގަނޑު އުޅަނދު ފަހަރުގެ ތެރެއިން އެ ބަނދަރު ބޭނުންކުރެވޭނީ ތެޔޮ ހިފައިގެން އަންނަ ބާޖުތަކާއި ތެޔޮ އެޅުމަށް އަންނަ ބާޖުތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެ އުޅަނދުތަކަށްވެސް ހިދުމަތް ހޯދުމަށް ފަހު ބަނދަރުގައި އަޅާފައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޅުވެއްޓި ފަދަ މުދާ އުފުލާ ދަގަނޑު އުޅަނދު ފަހަރު ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ވަނުން މަނާކުރަނީ

ކުޅުދުއްފުށީ ލޯކަލް ބަނދަރު ބޭނުންކުރުމުގައި ކައުންސިލުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްވެސް މިދިޔަ ޖުލައިމަހު ފަށައިގެން ކުރިއަށްއެބަދެ އެވެ. އެގޮތުން ގަވައިދުތައް ތަންފީޒުކުރަނީ އެކަމަށް ހާއްސަކޮށް ނެގި މުނިސިޕަލް މުވައްޒަފުން ލައްވާ އެވެ. ބަނދަރުގައި އޮޑިދޯނި ފަހަރު އަޅާފައި އޮންނަނީ ދޯނި ފަހަރަށް ހާއްސަ ސަރަހައްދުތަކުގައި ތޯ އާއި ބަނދަރުގައި އޮޑި ދޯނި ފަހަރު އަޅާފައި އޮންނަނީ ކައުންސިލުން ހަދާފައިވާ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް ތޯ ބަލައި ގަވައިދުތައް ތަންފީޒުކުރެ އެވެ.

އަބުދުލްލަތީފް ވިދާޅުވީ ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރަން ފަށާފައިވާއިރު އެ ގަވައިދުތަކަށް އަމަލުކުރުމަށް ދެކޮޅު ހަދައި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު ފިޔަވަޅު އަޅަނީ ތަކުރާރުކޮށް ނަސޭހަ ދިނުމުންވެސް އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޅުވެއްޓި ފަދަ މުދާ އުފުލާ ދަނގަނޑު އުޅަނދު ފަހަރު ލޯކަލް ބަނދަރު ބޭނުންކުރުން މަނާކޮށްފައިވާއިރު އެފަދަ އުޅަނދު ފަހަރު ދެން ބޭނުންކުރާނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު(ވިޔަފާރި ބަނދަރު) ކަމަށެވެ. އެތަނުގައި އެފަދަ އުޅަނދު ފަހަރަށް ހާއްސަ ވަގުތީ ރޭމްޕެއްވެސް މިހާރުވަނީ ހަދާފަ އެވެ.

ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އަންނަ އެފަދަ އުޅަނދު ފަހަރުތައް ސަރަހައްދީ ބަނދަރު ބޭނުންކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކައުންސިލުން މިހާރު ވަނީ ސަރަހައްދީ ބަނދަރުގެ ވެރިންނާ ބައްދަލުކުރައްވައި އެކަން އެބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. ލަތީފް ވިދާޅުވީ ސަރަހައްދީ ބަނދަރުގެ ވެރިންގެ ފަރާތުން އެކަމަށް ވަރަށް އެއްބާރުލުން ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ އުޅަނދު ފަހަރުތަކަށް ސަރަހައްދީ ބަނދަރުގައި ހުރި އުސޫލުތަކުގެ ތެރެއިން ފަސޭހައިން ހިދުމަތް ލިބިގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ބަނދަރު ގަވައިދުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުޅުދުއްފުށީ ކައުންސިލުން ފަށައިފި

އޮޑިދޯނި ފަހަރު ގިނަވުމުގެ ސަބަބުން ކުޅުދުއްފުށީގެ ލޯކަލް ބަނދަރު ބޭނުންކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި އެކަން ހައްލުކުރުމުގެ ގޮތުން އިތުރު ބަނދަރެއް ހަދާނެކަމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355