އެމްޑީޕީވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އިސް ދެ މުވައްޒަފަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ކޯޓް އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.
“ކޭއޯ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ކުޅުދުއްފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް އިބްރާހީމާއި ސީނިއަރ އެޑްމިން އޮފިސަރ ޙުސައިން ޢަލީ އެވެ. މި މައްސަލާގައި ހައްޔަރުކުރި ތިންވަނަ މީހާގެ މައުލޫމާތެއް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފައެވެ.
މި ދެ މީހުން ހައްޔަރުކުރުމުގެ ކުރިން އެމީހުންގެ ފޯނު ފުލުހުން ގެންގޮސްފައިވެ އެވެ. އަދި އެ ދެމީހުންނަކީ ކައުންސިލްގެ އިދާރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ދެ ބޭފުޅުންނެވެ. މިހާރުވެސް އިސް މަގާމެއްގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިއެއް ނުވެ އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގޯތި ބަލައި ފާސްކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެ އެވެ.
ނޯޓް: މި ޚަބަރު ޝާއިއުކުރި ފަހުން ވަނީ އަޕްޑޭޓް ކުރެވިފައެވެ.