ބާރު ސްޕީޑްގައި ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ފަޅުތެރޭގައި އޮތް ޑިންގީއަކަށް އުރިއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ ކުޅުދުއްފުށީގަ އެވެ.
މަންޒަރު ދުއް ބައެއް މީހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭސް ޖެހި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ކަމަށެވެ. އެ ސައިކަލުގައި ދެ މީހުން ތިބިއިރު ކޮންޓްރޯލް ނުވެ ޖެޓީ ނެއްޓުނު ވަގުތު ފަހަތުގައި އިން މީހާ އެއްގަމަށް ފުއްމާލީކަމަށް މަންޒަރު ދުއް މީހުން ބުނެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައިނުވިނަމަވެސް ސައިކަލް ދުއްވަން އިން ޒުވާނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފަ އެވެ.
މިރޭ ގާތްގަނޑަށް 10:30 ހާއިރު މިހާދިސާގައި ޑިންގީއަށާއި ސައިކަލަށް ވަނީ ގެއްލުންވެފަ އެވެ.