ވޭތުވެދިޔަ ފަސްއަހަރުދުވަހުގެތެރޭގައި ހިލޭއެހީގެ ގޮތުގައި ދުއިސައްތަ ހަމިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ފަސްއަހަރުދުވަހުގެ ދައުރެއްގައި ރާއްޖެއަށް އެންމެ ގިނައިން ބޭރުގެއެހީ ލިބުނު ދައުރުކަމަށެވެ. ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީއިން ރާއްޖެއަށްދިން ހިލޭ އެހީއާ ދިވެހިސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ލުއި ލޯނުގެ ގޮތުގައި މި ފަސްއަހަރުދުވަސް ނިމޭއިރު ރާއްޖެއަށް ފައިސާ ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދާދިފަހުން ވޯލްޑް ބޭންކުންވެސް 12 މިލިއަން ޑޮލަރުގެ އެހީއެއް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެތެރެއިން ފަންސާސް އިންސައްތައަކީ ހިލޭ އެހީކަމަށާއި، އަނެއް ފަންސާސް އިންސައްތައަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓުގައި ލިބުނު ފައިސާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މުނައްވަރު ވިދާޅުވީ ރާއްޖެއަށް ހިލޭ އެހީގެގޮތުގައާއި، އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނުތައް ލިބެނީ ރާއްޖޭގެ އިގުތިސަދު ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ. އަދި ބޭރު ގައުމުތަކާއި، ބޭރުގެ ބޭންކްތަކާއި ރާއްޖެއާދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ރާއީސް ޔާމިނާއި، އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީން ރާއްޖެއަށްދިން ހިލޭ އެހީއާ ހަވާލުވެވަޑައިގަތުމަށްބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް އެހީ ދިނުމަށް ބޭރުގެ ގައުމުތަކުން މިހާރު ތައްޔާރަށްތިބީ ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސަބަބުންކަމަށެވެ.
އަދި މިހާރު ރާއްޖޭގައި ހިންގަމުންދާ ބިޔަ މަޝްރޫއުތަކާއި، އިޤްތިސާދީ ގޮތުން ހޯދަމުންދާ ކުރިއެރުމަކީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވާކަމެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.