twitterviber whatsapp telegramfacebookyoutube instagram
2nd June 2025

އޭޑީބީ އިން ރާއްޖެއަށް 33.3 މިލިއަން ޑޮލަރު ހަދިޔާކޮށްފި

Aug 18, 2018

މާލޭ ސަރަހައްދުގެ ކުނިމެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް ދޭން ނިންމި 33.07 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި، އޭޑީބީން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑައިރެކްޓާ ރޮނަލްޑް އެންޓޯނިއޯއެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ، ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭޑީބީން ދޭން ނިންމި 33.07 މިލިޔަން ޑޮލަރުގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން މެދުވެރިކޮށް ޖަޕާނު ސަރުކާރުން ދެ މިލިޔަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.

އޭޑީބީގެ އެހީއަކީ ސަރުކާރުން އިއުލާނުކޮށްފައިވާ ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް ފެށުމަށް ދިން އެހީއެކެވެ.

މުނައްވަރު ވިދާޅުވީ، ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓަކީ 160 މިލިޔަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވަ 125 މިލިޔަން ޑޮލަރު އޭއޭއައިބީ ފަދަ ބޭރުގެ މާލީ އިދާރާތަކުން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މިހާރުވެސް އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި، ވެމްކޯއާއި އެމްއެންޑީއެފުން ގުޅިގެން ތިލަފުށީގެ ކުނިގޮނޑުގެ އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، އޭޑީބީގެ އެހީގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިތުރުން 32 ރަށެއްގައި މިހާރު ހުރި ކޮމިއުނިޓީ ބޭސްޑް ވޭސްޓް މެނޭޖްމެންޓް ނިޒާމުތައް ވަރުގަދަ ކުރާނެއެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ، ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ކުނި ނައްތާލުމަށް ހަ އިންސެނެރޭޓަރު މިހަރު ގެނެސްފައިވާ ކަމަށެވެ. އަދި ތިލަފުށީގެ ކުނިގޮޑު ސާފުކޮށް، ކުނިތައް އެއްކުރުމަށް ފަހު ރައްކާތެރިކޮށް ބަހައްޓައިގެން އެ އެއްޗެހި ނައްތާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ބިން 15 ހެކްޓަރުގެ ބިން، 105 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިއްކާ ނިމިފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އެ ތަނުގައިވެސް އިތުރު އިންސެނެރޭޓަރުތައް ބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ދާއިރު، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ ގޮތުން އޮކްޓޫބަރު ހިސާބުގައި ޓެންޑާކުރާނެކަމަށް ތޯރިގު ވިދާޅުވިއެވެ.

އޭޑީބީގެ އެހީގައި ހިންގާ، ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ 200،000 އަށް ވުރެ ގިނަ މީހުންނަށް ފައިދާ ކުރާނެކަމަށް އެ ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355