twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ކުޅުދުއްފުށީގެ އާބާދީގައި 10000 ހަމަވުމަށް ބޭނުންވަނީ 26 މީހުން !

Aug 22, 2018

ކުޅުދުއްފުށީ ސިޓީއަކަށް ނުވަތަ 10،000 ގެ އާބާދީއަކަށް މިރަށުގެ ދަފުތަރަށް މަދުވަނީ 26 މީހުން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

އާބާދީގައި 10،000 ހަމަވާ ކޮންމެ ރަށެއް ސިޓީއަކަށް ބޭނުންވާ ހިދުމަތްތަކާއެކު ސިޓީ ދަރަޖަ ދޭން ގާނޫނުގަ ވެ އެވެ. އެގޮތުން މިހާރު ކުޅުދުއްފުށީގެ ރަޖިސްޓަރ އާބާދީއަކީ 9974 އެކެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ކުޅުދުއްފުށީގެ އާބާދީގައި 10،000 ހަމަވުމަށް އިތުރަށް ބޭނުންވަނީ 26 މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ރައްވެހިކަން ބައެއް މީހުން ދޫކޮށްލާ ކަމަށާއި ނަމަވެސް އެއީ ވަރަށް މަދު ފަހަރަކު ކަމަށެވެ. .

ކުޅުދުއްފުށީގެ އާބާދީ މިހާރު ކުރިއަށްދާ ރޭޓުން ބަލާކަމަށްވާނަމަ ދެ މަހެއްގެ ތެރޭގައި މިރަށުގެ ރަޖިސްޓްރީ އާބާދީގައި 10،000 މީހުން ހަމަވާނެ ކަމަށް އަބުދުލްލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޯގަސްޓްމަހު އިތުރުވި އަދަދު މަސް ނިމުމުން ހާމަކުރާނެ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ ތަފާތު އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު މިހާރުވެސް ކުޅުދުއްފުށީގައި 11000 ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާބާދީގައި ދިހަ ހާސް މީހުން ހަމަވުމުން ސިޓީ ދަރަޖައަކަށް ބަދަލުވެގެންދާއިރު ބޭނުންވަނީ ސިޓީއަކުން ލިބެންވާ ހުރިހާ ހިދުމަތްތަކާއެކު އެ ބަދަލު ފެނިގެން ދިއުން ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތަކާއި ތައުލީމީ ހިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ..

” ދިހަ ހާސް ހަމަވުމުން އޮޓަމެޓިކް ސިޓީއަކަށް ބަދަލުވެގެންދާނެ. އެކަމަކު ކައުންސިލުން ބޭނުމެއް ނުވޭ ހަމައެކަނި ނަމަކަށް ސިޓީއަކަށް ބަދަލުވާކަށް. ބޭނުންވަނީ ސިޓީއަކުން ލިބެންވާ ހުރިހާ ހިދުމަތްތަކާއެކު ފުރިހަމަ ސިޓީއަކަށް ބަދަލުވެގެން ދިއުން.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ސިޓީއަކަށް ބަދަލުވުމުން މީހުން މަރުވުމުން ވަޅުލުމުގެ ކަންތައްތަކާއި މަގުތައް ސާފުކުރުން ފަދަ ކަންކަމަށް ސަރުކާރުން ބަޖެޓް ދެ އެވެ. މިހާރު އެ ހިދުމަތްތައް ދެމުން އަންނަނީ ރައްޔިތުންގެ މާލިއްޔަތުން ހަރަދުކޮށްގެންނެވެ. އަދި އެހެނިހެން ހިދުމަތްތައްވެސް ސިޓީތަކުގައި ދިނުމަށް ގާނޫނުގައިވެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް(އިބޫ) ހދ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުކޮށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355