ބައިކް މޯލްޑިވްސްއިން ބާއްވާ ދެވަނަ “އޮވަސީސް ބައިކް ޓުއަރ”ގެ ބައިވެރިން 3 ދުވަހުގެ ތެރޭގައި 150 ކިލޯ މީޓަރުގެ ރާސްތާ ފުރިހަމަކޮށް ސްރީލަންކާގެ 3 ސިޓީއަކަށް ބައިސްކަލްގައި ދަތުރުކޮށްފިއެވެ.
ޖުމްލަ 21 ދިވެހިން ހިމެނޭ މި ޓީމުން ކޮންމެ ދުވަހަކުވެސް 40 – 45 ކިލޯ މީޓަރާ ދެމެދުގެ ރާސްތާއެއްގައި ބައިސްކަލް ދުއްވުމަށް ހަމަޖެހިފައިވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެއެވެ.
މިހާތަނަށް މި ޓުއަރގައި ސްރީލަންކާގެ ވެސްޓް ކޯސްޓް ސަރަހައްދުގެ އިތުރުން އީސްޓް ކޯސްޓުގެ ސަރަހައްދު ތަކުގައިވެސް ބައިސްކަލް ދުއްވާފައިވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެއެވެ.
ބައިކް މޯލްޑިވްސްއިން ބާއްވާ މި ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށެވެ.
ބައިކް މޯލްޑިވްސްއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ޖަމްއިއްޔާއެކެވެ.
އެގޮތުން ބައިސްކަލް ދުއްވުމުގެ އާދަ ދިވެހި މުޖުތަމައުގައި އަށަގެންނެވުމައްޓަކައި ބައިކް މޯލްޑިވްސްގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގެންދަނީ ގިނަ ހަރަކާތަތަކެއް ހިންގަމުންނެވެ.