twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިހަވަންދޫގައި އިންސިނިރޭޓަރ ބޭނުންކޮށްގެން ކުނި ނައްތާލާ ނިޒާމު ޤާއިމްކުރުމަށް ނިންމައިފި

Aug 22, 2018

ހއ. އިހަވަންދޫގައި އިންސިނިރޭޓަރ ބޭނުންކޮށްގެން ކުނި ނައްތާލުމުގެ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެވަނަ ދައުރުގައި ޤާއިމް ކުރައްވާ ގޮތަށް ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ މި ނިންމެވުން ހާމަކުރައްވާ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ދެއްވި އިންޓަވިއުއެއްގައި އެވެ. އޭނާ ވިދާޅުވީ އިހަވަންދޫއަކީ މުޅި އިހަވަންދިއްޕޮޅުގައިވެސް އެންމެ ބޮޑެތި ސިނާއީ މަސައްކަތް ކުރާ އެއްރަށް ކަމަށެވެ.

އެގޮތުން އެރަށަކީ ފައިބަރުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ އިހަވަންދޫއަކީ އާބާދީގެ ގޮތުންވެސް ބޮޑު ރަށެއް ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ލުއި ފަސޭހަކަން ރައްޔިތުން ލިބިގަންނަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ވަރަށް ބޮޑަށް ގޮނޑުވެ ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ރާއްޖޭގެ ރައްޔިތުންނަށް ދިމާވި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިހަވަންދޫގައި ކުނި މެނޭޖު ކުރުމުގެ ބޮޑު މަޝްރޫއުއެއް ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ފަށަން ނިންމިއިރު އެރަށުގައި ގާއިމްކުރާ ކުނި މެނޭޖު ކުރުމުގެ ނިޒާމަކީ މުޅި އިހަވަންދޫގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ނިޒާމެއް ކަމަށެވެ.

އިންސިނިރޭޓަރ ބޭނުން ކޮށްގެން ހއ. އިހަވަންދޫގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމެއް ރައީސް ޔާމީންގެ ދެވަނަ ދައުރު ގާއިމް ކުރައްވާ ގޮތަށް ނިންމެވިއިރު އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވައިފިނަމަ ރާއްޖޭގެ ބިމުގެ ދަތިކަން ހުރި ރަށްތަކުގެ ބިން ހިއްކާ ބިމުގެ ތަނަވަސްކަން އިތުރުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ބިން ބޮޑުކުރަން ނިންމެވި ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355