twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގެ ކުނިގޮނޑު ނަގައި، ކުނި މެނޭޖުކުރުމަށް ވެމްކޯއާ ހަވާލުކުރާނަން: ރައީސް

Aug 22, 2018

އެތަށް އަހަރެއް ވަންދެން ޖަމާވެ ފުނިޖެހިފައިވާ ކުޅުދުއްފުށީ ކުނިގޮނޑުގައި ހުރި ކުނިތައް ނަގައި އެރަށުގެ ކުނި މެނޭޖުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހެދި މަގުތައް އިފްތިތާހް ކުރުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމަށް ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުއްޓަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވާތީ ގިނަ އަދަދެއްގެ ކުނި ކޮންމެ ދުވަހަކުވެސް އުފެދޭނެކަމަށާއި މާލޭ ފެންވަރަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯ މެދުވެރިކޮށް ކުޅުދުއްފުށީގައި ފަށާނެ ކަމަށެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި 400-500 ދެމެދުގެ ޓަނުގެ ކުނި މިހާރުވެސް އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ. އެއީ ވަރަށް ބޮޑު އަދަދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުނިކޮށީގެ ސަބަބުން ރަށުގެ މުޅި ވެށި ތަޤައްޔަރުވަމުންދާ ކަމަށާއި އެހެންކަމުން އެއީ ހައްލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށް ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިހާރުން ނިންމާފައި ވާނީ މިއަންނަ އަހަރު ހަމަ މާލޭގައި ގޭގެއިން ކުނި ނަގައި އުކާލާ ގޮތަށް ކުޅުދުއްފުށީގައި ވެމްކޯއިން އެމަސައްކަތް ކޮށްދޭނެ. ކުޅުދުއްފުށީ ރައްޔިތުންނަކަށް ކުނި ހިފައިގެން ވަކިތަނަކަށް ގޮސް ކުނި އުކާކަށް ނުޖެހޭނެ.” ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަންނަ އަހަރު ވެމްކޯއިން މާލޭގެ ފެންވަރުގައި ކުނިއުކާލައި ފެންވަރަށް ކުޅުދުއްފުށީގައި މިކަން ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު އޮތް ބޮޑު ކުނިގޮނޑު ނެގުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށާއި އެކުނިތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ރ. ވަންދޫއަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމަޝްރޫއުތަކަށް ހަރަދުވާނެ ފައިސާ އެމަނިކުފާނު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355