ދާދި އަވަހަށް ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ ކަމަށާއި އުންމީދުކުރަނީ ސެޕްޓެމްބަރު 23 ގައި ނަގައި ވޯޓުގެ ކުރިން އެއާޕޯޓްގެ މަސައްކަތް ނިމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މީގެން ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ އޯގަސްޓްމަހު ކުރިން ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ ބޯޓް ޖައްސޭނެ ކަމަށެވެ.
“އުންމީދު މިކުރަނީ ސެޕްޓެމްބަރު 23 ގައި މިނަގާ ވޯޓް، ކުޅުދުއްފުށީގަ މާލޭގައި މި ތިއްބެވި ބޭފުޅުން، ކުޅުދުއްފުއްޓަށް ވަޑައިގެން ވޯޓް ލައްވަކަމަށް ވަންޏާ ހަގީގަތުވެސް ވޯޓްލަންވާނީ މަތިންދާ ބޯޓްގަ ވަޑައިން. އެވަރަށް މަސައްކަތް ކުރެވޭ ތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ”. ކުޅުދުއްފުށި ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ސަރުކާރުން ހިންގި ތަރައްގީގެ ދެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމަށް މިރޭ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޝައްކެއްވެސް ނެތްގޮތުގައި ކުޅުދުއްފުއްޓަކީ އުތުރުގެ ނާރެސް ކަމަށާއި އެއާޕޯޓާއެކު އުތުރުގައި ތަރައްގީކުރާ 3000 އެނދާއި އިތުރު ސިނާއަތްތައް ފަހިވެގެންދާނެ ކަމެވެ. ރައީސް ވިދާޅުވީ އެއާޕޯޓްގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގެ ޓޫރިޒަމު ފުޅާވެގެންދާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އާއި ރައީސް ވަހީދުގެ ވެރިކަމުގައި ޖުމުލަ ކުޅުދުއްފުއްޓަށް ހަރަދުވެގެންދިޔައީ 290 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް މިހާރު ނިމިފައި ހުރި މަޝްރޫއުތަކާއި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު 540 މިލިއަނަން އަރާނެކަމަށް ރައީސް ވިދާޅުވި އެވެ.
އިގްތިސާދީ ނާރެއްގެ ގޮތުގައި ސިފަކުރައްވާކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ އިގްތިސާދީ ވަކި ރަށެއްގެ ގޮތުގައި ހުރިހާ ހިދުމަތްތަކެއް ކުޅުދުއްފުށިން ފުދިގެންދާ ގޮތަށް ބައްޓަން ވެފައި އޮތް އިގްތިސާދެއްކަމަށެވެ.