ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ނިމޭއިރު މާލޭގައި ހުރި ޑައިގްނޯސްޓިކް ހުރިހާ ހިދުމަތްތަކެއް އެތަނުން ލިބިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އާއި ތާރުއަޅައިގެން ހެދި މަގުތައް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ނިމްސްއާ ހަވާލުކުރީ ވަރަށް އިހްލާސްތެރި ނިޔަތަކާއެކު ކަމަށާއި ނަމަވެސް އެމީހުން އެކަން ކުރަން އުޅުނު ނަމަ ހޮސްޕިޓާ ތަރައްގީކުރެވުނީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރު މީހުންނާ އެކު މިފަދަ މަސައްކަތްތަކެއް ކޮށްގެން މާ އެދެވޭ ނަތީޖާއެއް ނުފެންނަކަމަށެވެ. އަދި ނިމްސްއާ ދެމެދުވެފައި އޮތް އެއްބަސްވުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަން ބޭނުންވާ ކަންކަން ކުރާނީ ސަރުކާރުން ކަމަށާއި އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުވެސް ތަރައްގީކުރާނީ ސަރުކާރުން ކަމަށެވެ. އެގޮތުން ސީޓީ މެޝިން މިހާރުވެސް ގެނެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމްއާރުއައި މެޝިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގައި ހުރި ޑައިގްނޯސްޓިކް ހުރިހާކަމެއް ހަމަޖެހިގެންދާނެކަމަށާއި ކުޅިވަރު ކުޅުމުގެ ތެރެއިން ލިބޭ އަނިޔާތައް ފަރުވާހޯދުމަށް ކުޅުދުއްފުށި ހޮސްޕިޓަލުގައި އެންމެ ޒަމާނީ ސްޕޯޓްސް ފިޒިއޮތޮރަޕީ ޑިޕާޓްމަންޓެއްވެސް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމިގެންދާއިރު ދަރިމާވުމުގެ ހިދުމަތާއި ޑައިގްނޯސްޓިކްގެ ހުރިހާ ވަސީލަތްތާއި ހުރިހާ ބަލިތަކަށް ސްޕެޝަލައިޒްވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ.