twitterviber whatsapp telegramfacebookyoutube instagram
18th April 2024

ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅު ހަދާ މީހަކު ކުޅުދުއްފުއްޓަކު ނެތް: މެމްބަރު ނަޝީދު

Aug 23, 2018

ރައީސް ޔާމީން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ދެކޮޅު ހަދާ މީހަކު ނޫޅޭކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވަޑައިގަތް ރޭ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީގޮތުގައި ސިޔާސީ ގޮތުން ވިސްނުން ތަފާތު މީހުން ތިބި ނަމަވެސް ރަށަށް ފައިދާ ހުރި ބޮޑެތި މަޝްރޫއުތައް ކުރިއަށްދާ ކަމަށްވާނަމަ އެކަންކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދޭ ކަމަށެވެ.

ސިޔާސީ ވިސްނުމަކީ ވަކިކަމެއް ކަމަށާއި ރަށަށް އަންނަ ތަރައްގީ އެގޮތުގައި ދެމެހެއްޓުމުގައި އަދި އިތުރަށް ކުރިއަށްގެންދިއުމަށްޓަކާ އެންމެންވެސް އެކުގައި މަސައްކަތްކުރާ ރޫޙް ކުޅުދުއްފުށީގައި އޮތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ފަޅީގެ ބޭފުންނާއި އެހެން ބޭފުންނާ ވާހަކަދައްކާލިނަމަވެސް މަގު ހެދުމުގެ މަޝްރޫއު އާއި އެއާޕޯޓް މަޝްރޫއު ފަދަ އެހެނިހެން މަޝްރޫއުތަކަށްވެސް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސްގެ ބޮޑެތި މަޝްރޫއުތަކަށް ހަމަގައިމުވެސް ދެކޮޅު ހަދާ މީހަކު މިތާކު ނެތްކަމަށެވެ.

ކިއްތަމެއް އަވަހަކަށް މަސައްކަތް ނިންމަން ބޭނުން ވިޔަސް ބައެއް ހާލަތުގައި ދިމާވާ މައްސަލަތަކާ ހެދި މަސައްކަތް ނުނިންމޭ ކަމަށެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަންވެސް ތިން ޝިޕްޓަށް ބަހައިގެންވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ވަކިވަކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތައް އެއްކޮށްލައިފިނަމަ އެއީ އިގްތިސާދީގޮތުން ވަރަށް ގިނަ މަޝްރޫއުތަކެއްގެ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ވަރަށް ބޮޑު ތަރައްގީއެއްކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.

ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ މިއީ މިހާތަނަން ރާއްޖޭގައި ހިނގައި އެންމެ ވަރުގަދަ އަދި އެންމެ ބާރުގަދަ އިގްތިސާދު ކަމަށެވެ. އެންމެ ދުރަށް ފެތުރިގެން ދިޔަ އިގްތިސާދީ ސިޔާސަތު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގައުމެއްގެ ގޮތުގައި ރާއްޖެ މިދަނީ ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355