އެމްޑީޕީވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން ހައްޔަރުކުރި 4 މީހުންގެ ތެރެއިން 2 މީހުން މިއަދު ދޫކޮށްލައިފި އެވެ.
މިއަދު ދޫކޮށްލާފައިވަނީ ކުޅުދުއްފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް އިބްރާހީމާއި އާންމުންގެ ތެރެއިން ހައްޔުރިކުރި 2 މީހުންގެ ތެރެއިން އެކަކެވެ.
އެދެމީހުންގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން ޖަހާފައިވަނީ 7 ދުވަހެވެ. މުއްދަތު ހަމަވުމުން މިއަދު ކުޅުދުއްފުށީ ކޯޓަށް އެދެމީހުން ހާޒިރުކުރުމުން ކުށް ސާބިތުނުވާކަމަށާއި އިތުރަށް މުއްދަތު ޖަހާދެވެން ނެތްކަމަށް ބުނެ އެދެމީހުންވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލާގައި ކައުންސިލްގެ އެެހެން މުވައްޒަފަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެކައުންސިލްގެ ސީނިއަރ އެޑްމިން އޮފިސަރ ހުސެއިން އަލީ އެވެ.
އާންމުގެ ތެރެއިން ހައްޔަރު ކުރި ދެވަނަ މީހައާއި، ހުސައިން އަލީއަށް ކުޅުދުއްފުށީ ކޯޓުން ޖަހާފައިވަނީ 10 ދުވަހެވެ.
ކައުންސިލްގެ ދެ މުވައްޒަފުން ހައްޔަރުކޮށްފައިވަނީކޯޓް އަމުރެއްގެ ދަށުން މިމަހު 16 ވަނަ ދުވަހުއެވެ. މި ދެ މީހުން ހައްޔަރުކުރުމުގެ ކުރިން އެމީހުންގެ ފޯނުވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އަދި އާންމުގެ ތެރެއިން 2 މީހުން ހައްޔަރުކޮށްފައިވަނީ މިމަހު 17 ވަނަ ދުވަހު އެވެ.