އިބްރާހިމް ހަމީދު
މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ އެދުމުގެމަތިން އަދި އެއިދާރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅުގެއިން ހދ އަތޮޅު ކައުންސިލްގެ މެމްބަރުން އިއްޔެ ނިކުމެއްޖެކަމަށް އެކައުންސިލުގެ ނައިބު ރައީސް އަހްމަދު ޚަލީލު ވިދާޅުވެއްޖެއެވެ.
ހދ އަތޮޅު ކައުންސިލުގެ ނައިބުގެ ރައީސް އަހްމަދު ޚަލީލް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހދ. އަތޮޅުގޭގައި މިވަގުތު ތިއްބަވަނީ ރަށުން ބޭރުން ކުޅުދުއްފުއްޓަށް އައިސްތިބި ކައުންސިލަރުން ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފްގެ ދައުވަތަކަށް އެއިދާރާގައި ކައުންސިލް މެމްބަރުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިކަމަށެވެ. އެބައްދަލު ވުމުގައި ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ އެދަތުރުފުޅުގައި އެމަނިކުފާނާއެކު ވަޑައިގަންނަވާ ބޭފުޅުން ހދ އަތޮޅުގޭގައި ތިއްބަވަން ބޭނުންފުޅުވާތީ އެތަނުގެ ސެކިއުރިޓީ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި އަތޮޅުގެ ހުސްކޮށްދިނުމަށް ކައުންސިލަރުންގެ ކިބައިން މިނިސްޓަރ އެދިވަޑައިގަތް ކަމަށެވެ.
ހުކުރު ދުވަހު ރައީސުލްޖުމްހުރިއްޔާއާއި އެކު ވަޑައިގަންނަވާ ބޭފުޅުން އަތޮޅުގޭގައި ތިއްބަވާނީ ކުޑަދުވަސްކޮޅެއްގައި ކަމަށާއި އެބޭފުޅުން ފުރާ ވަޑައިގެންނެވީމާ އަނެއްކާވެސް ކައުންސިލަރުން އަތޮޅުގޭގައި ތިބުމުގެ ފުރުސަތު އޮތްކަމަށް ސްޓޭޓް މިނިސްޓަރ ހުނައިފް ވިދާޅުވިކަމަށް ޚަލީލު މައުލޫމާތު ދެއެވެ.
ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ އަތޮޅުގޭގެ މައްސަލައިގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ދާން ބޭނުންފުޅު ނުވާކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެންކަމަށް ޚަލީލު ވިދާޅުވިއެވެ. އެގޮތުން ގައުމީ އިދާރާގެ އެދުމުގެ މަތިން އެ އިދާރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހާރު އަތޮޅުގެ ހުސްކޮށްފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.
ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީންވެސް ވަނީ ހދ އަތޮޅުގެ ހުސްކޮށްދިނުމަށް އެދިފައެވެ. އަދި އެމައްސަލާގައި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ފުލުހުންވެސް ވަނީ އަތޮޅުގެ ހުސްކޮށްދިނުމަށް އެދިފައެވެ. މައުލޫމާތު ލިބޭގޮތުގައި ރައީސުލްޖުމުހޫރިއްޔާގެ މިދަތުރުފުޅުގައި ހއ ކެލާ އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ކުޅުދުއްފުށީގެ މަގުތަކުގައި ގައު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.