twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓަށް އަންނަމަހު ތެރޭގައި ޓެސްޓް ފުލައިޓް ޖައްސާނެ: އެމްޓީސީސީ

Aug 26, 2018

ކުޅުދުއްފުށްޓާއި، ފުނަދޫ އެއަރޕޯޓަށް އަންނަމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސޭވަރަށް، އެ ދެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީ އެއަރޕޯޓާއި، ށ. ފުނަދޫ އެއަރޕޯޓުގެ އިތުރުން ދެކުނުން ގދ. މާވަރުލު އެއަރޕޯޓުގެ މަސައްކަތަކީ ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ މަޝްރޫއުތަކެވެ.

މި 3 އެއާޕޯޓުގެ މަސައްކަތާގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، މި 3 އެއާޕޯޓުގެ މަސައްކަތްވެސް ހިތްހަމަޖެހޭ މިންވަރަށް ކުރިއަށްދާކަމަށެވެ.

އަދި މީގެ ތެރެއިން ކުޅުދުއްފުށްޓާއި، ފުނަދޫ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެސްފާލްޓް ކޮންކްރީޓް ބޭސް ނުވަތަ އޭސީބީ ލޭޔަރ އެޅުމުގެ މަސައްކަތްކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީ އެއާޕޯޓު ރަންވޭގެ 200 މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އޭސީބީ ލޭޔަރ އަޅާ ނިމިފައިވާއިރު ފުނަދޫ އެއާޕޯޓު ރަންވޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއްގައި މިހާރު އޭސީބީ ލޭޔަރ އަޅާ ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ފަޅުން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަންއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ދަށުން އެރަށުގައި އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ކުރިން 21 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާފައެވެ. 89 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ދަށުން ރަންވޭއާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގދ. މާވަރުލު އެއަރޕޯޓު މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރއެެކެވެ. މި މަޝްރޫއުގެ ދަށުން މާވަރުލުގައިވެސް އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ދެ ގުނަ އަވަސްކޮށް، އެމްޓީސީސީގެ މުޅި ފޯކަސް ކުޅުދުއްފުށީ އެއާޕޯޓަށް !

ޒިޔަތު ވިދާޅުވީ، ކުޅުދުއްފުށްޓާއި، ފުނަދޫ އަދި މާވަރުލު އެއާޕޯޓުގެ މަސައްކަތްވެސް ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި، އެ އަމާޒަށް ވާސިލްވުމަށްޓަކާ ކުންފުނީގެ ފުލް-ކެޕޭސިޓީ ބޭނުންކުރަމުންދާކަމަށެވެ. އެގޮތުން އަންނަމަހުގެ ކުރީކޮޅު ނުވަތަ މެދެއްހާތާނގައި ކުޅުދުއްފުށްޓާއި، ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސޭވަރަށް މަސައްކަތް ނިންމާލެވޭނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355