twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސަރުކާރުން އުޅެނީ 65 އަހަރުވުމުން ލިބޭ އިނާޔާތް 74 އަހަރަށް ބަދަލުކުރަން: ނަސްރުﷲ

Aug 27, 2018

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މަސައްކަތް ކުރައްވަނީ 65 އަހަރު ވުމުން ލިބޭ އިނާޔާތުގެ އުމުރު 74 އަހަރު ވުމުން ލިބޭ އިނާޔާތަކަށް ބަދަލުކުރުމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަސްރުﷲ މިހެން ވިދާޅުވީ ކުޅުދުއްފުށީގެ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުން އިއްޔެ ހދ ފިނެއަށް ކުރި ދަތުރުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިހާރު ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް ގިނަ ބަޔަކު ބާކީކޮށް ނިކަމެތިކޮށްލުމުގެ ނުބައި ވިސްނުން ކަމަށެވެ. ނަސްރުﷲ ވިދާޅުވީ އޭގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވަން އުޅުއްވާ ކަމަކީ 65 އަހަރުވެފައިވާ ރައްޔިތުންނަށް ގާނޫނޫން ދިނުމަށް ލާޒިމްކުރާ އިނާޔާތް 74 އަހަރަށް ބަދަލުކުރުމަށް ކަމަށެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ މުޅި ރާއްޖޭގައި މި އިނާޔާތް ލިބޭ ދޮޅަހަކަށް މީހުން ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭގައިވެސް މިވަގުތު ތިބީ 74 އަހަރުން މަތީގެ އެންމެ 4 މީހުން ކަމަށާއި އެގޮތަށް ކަންތައް ވެއްޖެނަމަ ބޮޑެތި ދަތިތަކާ ދިމާވެ މީހުން ކައިރިއަށް ސަލާމް ޖަހަން ޖެހޭ ހާލަތަކަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބުދުﷲ ޔާމީން ވެރިކަމުން ދުރުކުރުމަށް ނިކުމެ މިތިބީ ގާނޫނޫ އަސާސީން ފިނޭގެ ރައްޔިތުންނަށް ލިބޭ ހުރިހާ ހައްގުތަކެއް ހަނިކޮށްފައިވާތީ ކަމަށެވެ.

އެކަށީގެންވާ ސިއްހީ ހިދުމަތާއި ނަރުދަމާ ނިޒާމާއި ފެނުގެ ހިދުމަތާއި އިގްތިސާދީ މިނިވަންކަން ރައީސް ޔާމީން ނިގުޅައިގެންފައިވާކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބޭފުޅަކާ ޒާތީކަމެއް ނެތްކަމަށާއި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް އަބަދުވެސް ދެމި އޮންނަށް ޖެހޭނެ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް އަބަދުވެސް އޮންނަ ޖެހޭނީ ރައްޔިތުން ބޭނުންވާ ހިނދެއްގައި ރައްޔިތުންގެ އަތްމަތީގަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އެންމެހާ ބާރުތައްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަން ފާހަގަކުރައްވަމުން ނަސްރުﷲ ވިދާޅުވީގޮތުގައި ފިނޭގެ ރައްޔިތުން ވެރިކަމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދެއްވާ ކަމަށާއި އަދި ފިނޭގެ ރައްޔިތުން މި “އަނިޔާވެރިވެރިކަން” ނިމުމަށް ކުރަމުންގެންދާ މަސައްކަތް ދެގުނަ ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ފިނޭއަކީ ދަނޑުވެރި ރަށެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އިއްތިހާދުގެ ވެރިކަމުގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ލިބޭނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމެއްގައި ދަނޑުވެރިންނަށް ހަގީގީ ފައިދާ ހޯދަވައިދެއްވާނެކަމަށް ޖޭޕީއަށް ނިސްބަތްވެލައްވާ ނަސްރުﷲ ވިދާޅުވި އެވެ.

ފިނޭގެ ރައްޔިތުންނާ ހދ އަތޮޅުގެ ރައްޔިތުން ތެދުވެ މިވެރިކަން ނުނިންމާފިއްޔާ ދަރިންގެ ދަރިންވެސް ބަދުބަސް ބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަގު ހެދުމާއި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހެނީ ވަކި މީހަކު ވެރިކަމުގައި ހުރެގެންނެތް ނޫން، އެއީ ކަނޑައެޅި ނިޒާމުގެ ސަބަބުން ކަމަށް ނަސްރުﷲ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355