ރައްޔިތުން ފުރުސަތު ދެއްވާފިނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ބޮޑު ބައި ބަލާނީ މަސްވެރިންގެ ހާލަތު ރަނގަޅުކުރުމަށާއި މަސްވެރިކަމުގެ ސިނާޔަތު މި ޒަމާނުގެ ވައްޓަފާޅިއަށް ބަދަލުކުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުއްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރ. އަލިފުށީ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ބޮޑު ބައި ބަލާނީ މަސްވެރިންގެ ހާލަތު ރަނގަޅުކުރުމަށާއި މަސްވެރިކަމުގެ ސިނާޔަތު މި ޒަމާނުގެ ވައްޓަފާޅިއަށް ބަދަލުކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި މަސްވެރިންނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭން މަސައްކަތް ކޮށްދީފައިވާނޭ ކަމަށާއި އެގޮތުން އައިސް ޕްލާންޓަކާއި މަސް ކާރުހާނާތައް ތަރައްގީކުރުމާއި މަސް ކިރުވުމަށްފަހު ރުފިޔާ ނުލިބޭ މައްސަލަތައް ހައްލުކޮށްދީފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އައިސް ގަންނަން އައިސް ޕްލާންޓެއް ހުންނަ ރަށަށް ދާން ނުޖެހޭނެ ކަމަށާއި ބޮޑެތި ދޯނިފަހަރުގައި އަމިއްލައަށް އައިސް އުފައްދާގެން ދޯނި ފަހަރަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ދޯންޏެއްގައި އައިސް އުފައްދާގެ ޓެސްޓްކޮށްފައިވާ ކަމަށާއި އެއީ އައިސް އުފައްދޭ ގޮތަށް ތައްޔާރުކުރި ފުރަތަމަ އޮޑިކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ޑެބިޓް ކާޑެއް ތައާރަފްކޮށް އެސްޓީއޯގެ ހުރިހާ ފިހާރައަކުން އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ކަމަށެވެ. ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ތަރައްގީއަށް ބޮޑެތި ހޭދަތަކެއް ކޮށްދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ދުވަހަކުވެސް އުންމީދުވެސް ނުކުރާ ވަރަށް ބަދަލުވެގެން ރާއްޖޭގައި ގޮސްފައިވާ ކަމަށެވެ.