twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑެންގީ ހުން ޖެހިގެން 9 މަހުގެ ކުއްޖަކު މަރުވެއްޖެ، މައްސަލަ ދަނީ ބަލަމުން !

Aug 27, 2018

ޑެންގީހުން ޖެހިގެން 9 މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ. މިކުއްޖާ މަރުވެފައިވަނީ އައިޖީއެމްގައި ފަރުވާދެމުންދަނިކޮށް މިދިޔަ ހުކުރުދުވަހު އެވެ.

ކުޅުދުއްފުށީ ބަތަލާފަރުގެ އަޒީން އިބުރާހިމްގެ މަރުގެ މައްސަލާގައި އޭނާގެ އާއިލާއިން މިޑީއާގައި ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.

އެކަމަކު އިތުބާރު ހުރި މަސްދަރަކު ކޭއޯއަށް ކިޔައިދީފައިވަނީ އަޒީން ފިޓް ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމަހު 14 ވަނަ ދުވަހު ކަމަށާއި ލޭގެ ޓެސްޓް ހެދުމަށް އާއިލާއިން އެދުނު ނަމަވެސް ޓެސްޓް ނަހަދަ ދެ ދުވަސް ވަންދެން ބޭއްވުމަށްފަހު ގެއަށް ދޫކޮށްލީ ކަމަށެވެ. ގެއަށް ދޫކޮށްލިއިރުވެސް ހުން މައިތިރިނުވާކަމަށް އެނގިފައިވެ އެވެ.

ކުއްޖާއަށް ކުރިއެރުން ނުފެންނާތީ ދޫކޮށްލި ރޭ ހޮސްޕިޓަލަށް ދިޔަ ކަމާއި އޭރުވެސް ކުއްޖާގެ ގައިގާ އެއްވެސް ފަދަ އެއް ނެތް ކަމަށް މަސްދަރުން މައުލޫމާތު ދީފައިވެ އެވެ. އަދި ހޮސްޕިޓަލުގައިި ބާއްވައިގެން ފަރުވާދިނުމަށް އާއިލާއިން އެދުމުން އެޑްމިޓްކުރި ކަމަށްވެ އެވެ.

އެޑްމިޓްކުރުމަށްފަހު ލޭގެ ޓެސްޓް ހެދުމުން ޑެންގީއަށް ޕޮޒިޓިވް ވި ކަމަށް އޭނާ ބުންޏެވެ.

އައިސީޔޫއަށް ބަދަލުކުރުމަށް ފަހު މާލޭ ފޮނުވާލިކަމަށާއި މަރުވީ 24 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. މިކަމުގައި ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުގެ އިހުމާލު އެބަ އޮތް ކަމަށާއި އާއިލާއިން އެމައްސަލަ ހޮސްޕިޓަލަށް ހުށަހަޅާފައިވާކަން އެނގިފައިވެ އެވެ.

މައުލޫމާތުދިން މަސްދަރުން އިތުރަށް ބުނީ އެހާ ތުއްތު ކުއްޖަކަށް ފަރުވާދީ ބޭސް ދީފައިވަނީ ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރެއްގެވެސް ލަފާގެ މަތިން ނޫން ކަމަށާއި އެކުއްޖާއަށް ފަރުވާދީފައިވަނީ މެޑިކަލް އޮފިޝަލެއް ކަމަށެވެ. އެ ޑޮކްޓަރު ލިޔެދިން ބޭސް ސިޓީގައި “ބުރޫފަން” ވެސް ހިމަނާފައިވާކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި ތަހުގީގު ކުރަމުންދާތީ އިތުރަށް އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355