ރައީސް ޔާމިން މިދިޔަ ހަފްތާ ތެރޭ ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ލައްކަ ގިނަ ވާހަކަ ދެއްކެވި އެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރަށް ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ކުޅުދުއްފުއްޓަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ވިދާޅުވެދެއްވި އެވެ. އެކަމަކު ކުޅުދުއްފުށީ ރައްޔިތުން އުންމީދުކުރި ނުވަތަ ކުޅުދުއްފުއްޓަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ވާހަކަފުޅުތަކެއް އެމަނިކުފާނު ވިދާޅެއް ނުވި އެވެ.
މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުޅުދުއްފުށީ ބަނދަރު ސަަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކަކީ 2014 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި ބާ ވައުދުތަކެކެވެ. އެއިރު ވި ވައުދުތައް އަދިވެސް ނުފުއްދިވާތީ ތަކުރާރުކޮށްލިކޮށްލުމެކެވެ. ކުޅުދުއްފުށީގެ ތަރައްގީއަށް އެއްވެސް އާ ވިސްނުމެއްވެސް ސިޔާސަތެއްވެސް އެމަނިކުފާނުގެ ނެތްކަން މިކަމުން ވަރަށް ސާފުކޮށް ދޭހަ ވެގެން ދިޔައެވެ.
ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ކުޅުދުއްފުށީގެ ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލް 3 ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް ހައްދަވާނެ ކަމުގެ ވައުދަކީ 5 އަހަރުވެ ބާވެފައިވާ ވައުދުތަކެވެ. އެއާޕޯޓްގެ މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދަކަށްވާއިރު އެއީ ދައުރުގެ ފުރަތަމަ 2 އަހަރު ތެރޭ ފުއްދަވައި ދެއްްވާނެކަމަށް ވިދާޅުވި ވައުދުފުޅެކެވެ. ނިންމާނެކަމަށް އެކި ފަހަރު އެކި ތާރީހުތައް ދެއްވަމުން މިހާރު އެވިދާޅުވަނީ ކުޅުދުއްފުއްޓަށް ވޯޓު ލާން އަންނަ މީހުންނަށް މަތިންދާ ބޯޓުގައި ކުޅުއްފުއްޓަށް އާދެވޭނެ ވާހަކައެވެ.
2016 ވަނަ އަހަރު އެއާޕޯޓުގެ މަސައްކަތް ލަސްވަމުން ދާން ފެށުމުން ފުރަތަމަ އެކަމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކުށްވެރިކުރީ އެއިރު އޮތް ކައުންސިލެވެ. އެއިރު ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ލަސްވެގެންދިޔައީ ސަރުކާރުގެ ތެރޭގައި މައްސަލަ އުޅޭތީ ނޫން ކަމަށާއި އެމަޝްރޫއު ލަސްވެގެން ދިޔައީ ކުޅުދުއްފުށީ ކައުންސިލުތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށެވެ. އެކަމަކު އެކަން ކައުންސިލުން އަބަދުވެސް ދޮގުކުރި އެވެ.
އެއަށްފަހު މިއަހަރު ތެރޭގައި ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަކީ ހީކުރިވަރަށް ވުރެ އުދަނގު މަސައްކަތެއްކަމަށާއި އަދިވެސް މި އުޅެނީ ކުޅީގެ ޗަކައިންނާއި ކިސަޑުން ސަލާމަތް ނުވެވިގެންކަމަށެވެ. އަދި އެންމެ ފަހުން ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ލަސްވިކަމުގެ ޒިންމާ ނަންގަވަން ޖެހުނީ އިދިކޮޅު ފަރާތްތަކުންނެވެ.
ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން–
ދެން އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލު ކުރާނެ ވާހަކައެވެ. ކުޅުދުއްފުށި ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް އިންޑިޔާގެ ނޫރުލް އިސްލާމިކް އިންޓަނޭޝަނަލް (އެންއައިއައި) އާއި އެ ހޮސްޕިޓާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އިންޑިޔާގެ ނިމްސް ކުންފުނި ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން ހަދާފައިވާ ޖޮއިންޓްވެންޗާ ކުންފުނި އެންއައިއައިގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކަކާއި ހުރެ އެ ކުންފުންޏަށް ހޮސްޕިޓާ ހިންގުނީ އެންމެ 6 މަސް ދުވަހުއެވެ.
އެއަށްފަހު އަލުން ހޮސްޕިޓާ ސަރުކާރަށް ނަގައި މިހާރު ހިދުމަތް ދެމުން އަންނަނީ ސަރުކާރުންނެވެ. ރައްޔިތުންނާ ބައްދަލު ކުރައްވަމުން އެރޭ ރައީސް ވިދާޅުވީ ނިމްސްއާއި ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ މާލެ ނަގާފަ ދެން އެންމެ ރަނގަޅު ހިދުމަތް ދެވޭނެ ހޮސްޕިޓަލަށް ހެދުމަށް ކަމަށާއި ނަމަވެސް ބޭރުގެ ފަރާތްތަކާ ރާއްޖެ ކުރިއެރުވުމަށް ކަންކަން ހަވާލު ކުރުމަށް އެކަމުގެ އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށެވެ.
ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ހދ އަތޮޅު ހެލްތް ސާވިސަސްގެ އޮފީހާ ހަވާލުކޮށްގެން ހެލްތް މިނިސްޓްރީ ހިންގާ ގޮތަށް މިދިޔަ އަހަރު ޑިސެމްބަރ މަހު ތެރޭގަ އެވެ. އެއަށްފަހު މިހާރު އެ ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެއްވެސް އަނެއްކާ ދެމުން އަންނަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެެ. ބައެއް އެހެނިހެން ވައުދުތަކަށް ބަލާއިރު ސަރަހައްދީ ބަނދަރު ތަރައްގީކުރާނެ ވާހަކަ އާއި ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ ބަނދަރާއި އެސަރަހައްދު ތަރައްގީކުރާ ވާހަކަތަކަކީ މުޅިންވެސް 2014 ވަނަ އަހަރުވެސް ދެއްކެވި ހުވަފެންތަކެކެވެ. އަނެއްކާވެސް އެމަނިކުފާނު މިވަޑައިގަތީ އެ ވައުދުތަކާއެކު އެވެ.
އެންމެ އަޑަށް ބާރު ލައްވާފައި ކުޅުދުއްފުށީ ހޮސްޕިޓަލާއި، އެއާޕޯޓްގެ ވާހަކަ ދެއްކެވިއިރު މި ދެ ވައުދަކީ އެމަނިކުފާނުގެ ފުރަތަމަ 5 އަހަރުތެރޭ ފުއްދަން ވައުުދުވެ ނުދުއްދުނު ދެ ވައުދެވެ. ކުޅުދުއްފުއްޓަށް ވުރެ އާބާދީ ކުޑަ އެތަށް ރަށަކަށް ވަޑައިގެން އެތަށް ބޮޑެތި ވައުދުތަކެއް ވެފައިވާއިރު މިފަހަރު ރައްޔިތުން އުންމީދުކޮށްގެން ތިބީ އެއާޕޯޓު ވައުދަށްވުރެ ވަރުގަދަ ވައުދެއް ވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން–
އޭގެ ބަދަލުގައި ވިދާޅުވީ ދެން ކުނިއުކާލުމަށް ވެސް ފީ ނަގާ ވާހަކަ އެެވެ. ވެމްކޯއިން ކުޅުދުއްފުށީގައި ކުނި އުކާލުމުގެ ހިދުމަތް ފަށާވާހަކަ ވިދާޅުވުން އޭގެ މާނައަކީ ފީ ނަގާ ވާހަކަ ނޫންތޯއެވެ. ކުނި އުކާލުމުގެ ހިދުމަތަށް ވުރެ ކުޅުދުއްފުށީގެ ރައްޔިތުން ބޭނުވެފައިވާ އެތަށް ކަމެއްވާއިރު ރައްޔިތުންގެ އުންމީދާ ގުޅިފައިވާފަދަ ތަރައްގީއެއް ގެނެސްދޭނެ އާ ވައުދެއް ރައީސް ޔާމިނަކަށް މި ފަހަަރަކު ވައުދުވެ ވަޑައެއް ނުގެންނެވުނެވެ.
ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުން ނުވަތަ ބޯހިޔާވަހި ކަމުގެ ވައުދުގެ ދަށުން ކުޅުދުއްފުށީގައި އިތުރު ފްލެޓް އަޅާނެ ފަދަ އެއްވެސް ވާހަކައެއް އެމަނިކުފާނު ދައްކަވާފައިނުވާއިރު މިއީ މިރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި ތިބި ކަންތައްތަކެވެ.