twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ވޯޓްގެ ކުރިން އެންޓިބަޔޮޓިކް ނަންގަވާ، ނޫން ނަމަ ސިކުނޑި ގުޑުވާލާނެ: ރައީސް

Aug 29, 2018

ސެޕްޓެމްބަރުމަހު 23 ވަނަ ދުވަހުގެ ވޯޓްގެ ކުރިން ތަފާތު ވައިރަސްތައް ނިކުންނާނެކަމަށާއި ހުރިހާ ރައްޔިތުންވެސް އެންޓިބަޔޮޓިކް ބޭނުންކޮށްގެން ތިބުމަށް ރައީސުލްޖުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުﷲ އަބުދުލްގައްޔޫމު އެދިވަޑައިގަންނަވައިފި އެވެ.

ނ. ވެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މަޒާޖީގޮތަކަށް ވިދާޅުވީ ވޯޓުލާ ދުވަސް ކައިރިވި ވަރަކަށް ތަފާތު ވައިރަސްތައް ނިކުންނާނެ ކަމަށާއި ހުރިހާ ބޭފުޅުންވެސް އެންޓިބަޔޮޓިކް ކައިގެން ތިއްބެވުމަށެވެ. އެހެންނޫނަމަ ވައިރަސްތައް ނިކުމެ “އަޅުގަނޑުމެންގެ ސިކުނޑި ގުޑުވާލާނެ”ކަމަށް ރައީސް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވާ ވާހަކަފުޅެއްކަަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ވައިގެ ތެރޭގައި ޖައްވުގެ ތެރޭގައި ވޯޓުލާ ދުވަސް ކައިރި ވަރަކަށް ވައިރަސްތައް އެގޮތް މިގޮތަށް އެނބުރޭނެ ކަމަށެވެ. އަދި މީގެން ބައެއް ވައިރަސްއަކީ ފެންނަ ވައިރަސްއެއްވެސް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

” އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިތަނުގައިވެސް ހުންނަވާނެ ދެއްތޯ ސިއްހީ މަރުކަޒެއް. ދަރުމަވާނެ ހުރިހާ އެންމެން އެންޓިބަޔޮޓިކް ކައިގެން ތިބެން.” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ހުރިހާ ރައްޔިތުންގެ ވެސް ވޯޓްލާންދާއިރު ތަނަވަސް ސިކުނޑިއަކާއި އަދި އެމަނިކުފާނު މަތިން ހަނދާކުރާ ސިކުނޑިއަކާއެކު މިދަނީ ތިމަންނަ ދީނާ ގައުމަށްޓަކާ ދޭ ވޯޓެއްކަމަށް ހަނދާންކޮށްގެން ދިއުން ކަމަށެވެ.

އެކަމަކު އޭގެ ކުރިން ވައިރަސް ވަދެ ސިކުނޑި ހިސޯރުކޮށްފިކަމަށްވަންޏާ އެމަނިކުފާނު ވަރަށް ދެރަވާނެކަމަށްވެސް ވިދާޅުވި އެވެ.

“އެހެންވީމަ މިރެއިން މިރެއަށް މިނިމުނީ. މާދަމާ ވަޑައިގަންނަވާ އެންޓިބަޔޮޓިކް ނަންގަވަން. މާދަމާ އެންޓިބަޔޮޓިކް ނަންގަވައިގެން މިކަމަށް ތައްޔާރުވެގެން ތިއްބަވާ.” ނ ވެލިދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355