twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކުނިގޮނޑު ނެގުމުގެ މަސައްކަތް ދެ ހަފުތާ ތެރޭގައި ފަށާނަން: ވެމްކޯ

Aug 29, 2018

ކުޅުދުއްފުށީ ކުނިކޮށީގެ ކުނިގޮނޑު ނަގައި ހުސްކުރުމުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފަށާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) ހާމަކޮށްފި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން ކުޅުދުއްފުށީ ކުނިކޮށީގައި ކުނީގެ ފަރުބަދަތައްވަނީ ހެދިފަ އެވެ. ކުނިތައް ނައްތާލަމުންދަނީ އަނދައިގެންނާއި ވަޅުލައިގެންނެވެ. މިކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި މައްސަލަތައް ދިމާވެ އެވެ.

ނަމަވެސް ދާދި ފަހު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމަށެވެ.

ގާތްގަނޑަށް ކުޅުދުއްފުށީ ކުނިކޮށީގައި 400-500 ދެމެދުގެ ޓަނުގެ ކުނި މިހާރުވެސް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގޮނޑު ނަގައިގެން ގެންދިއުމަށް ހަމަޖެހިފައިވަނީ ރ.ވަންދޫއަށް ކަމަށެވެ.

ރައީސް މިހެން ވިދާޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީ އިއްޔެ ވަނީ ވެމްކޯގެ އެމްޑީއާ އެކުންފުނީގެ ޓީމެއް ކުޅުދުއްފުއްޓަށް ވަޑައިގެން ކުނިކޮށި ހުރި ސަރަހައްދު ބަލައި ސާރވޭކޮށްފަ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ ކުޅުދުއްފުށީގެ ކުނިގޮނޑު ހުސްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ފަށާނެ ކަމަށާއި އެންމެ ބޮޑު ޗެލެންޖަކީ ގޮނޑު ނަގައި ހުސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމަށްވިޔަސް އެމަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ކުނިގޮނޑު ފުރިފައި އޮތުމުން އިތުރު މަސައްކަތްތައްވެސް ކުރެވޭނީ ގޮނޑު ނަގައި ހައްލުކުރުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ ކުނިކޮށި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހުން ސީދާ ބަޖެޓެއް އަދި ނުދެއްވިނަމަވެސް ވެމްކޯގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ފަށާނެ ކަމަށެވެ.

ކުޅުދުއްފުށީގެ ކުނިގޮނޑު ނަގައި، ކުނި މެނޭޖުކުރުމަށް ވެމްކޯއާ ހަވާލުކުރާނަން: ރައީސް

ލާމަރުކަޒީ ގާނޫން ބުނާގޮތުން ނަމަ ވެމްކޯއިން ކުނިމެނޭޖްމުރުމުގެ ކަންތައްތަކާ ހަވާލުވާނީ ސިޓީ ދަރަޖަދީފައިވާ ރަށްރަށަށެވެ. ސިޓީއެއްގެ ދަރަޖަ ދީފައިނުވާ ރަށްރަށުގެ ކުނި މެނޭޖްކުރަނީ ކައުންސިލްތަކުންނެވެ. ކުޅުދުއްފުށީގެ އާބާދީ މި މަސްތެރޭގައި ސިޓީ ދަރަޖަ ލިބިގެންދާނެކަން ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވީ އޭރުން ގިނަ ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ނަމަވެސް ވެހިކަލްތަކާ އެހެނިހެން ވަސީލަތް ގެނެސް މަސައްކަތްތައް ފަށަން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ކުނީގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ އަދި މިހާތަނަން ހައްލުނުކުރެވިފައިވާ މައްސަލައެއްވެސްމެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355