ލިޔުނީ: އައިޝަތު ހާމިދު
އައިޝަތު ހާމިދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނާސިރންގ ޑައިރެކްޓަރެއްގެ ގޮތުގައި އެވެ.
މައިގަޑު މަސައްކަތް ތަކަކީ ކޮބާ؟
މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް ބަލަމާ ހިގާށެވެ. މިއަދުގެ ހޫނުގަދަ ކަމާއިއެކު އަހަރުމެން ފެންތައްޓަކަށް ފަހު ފެން ތައްޓެއް ބޮމުން ގޮސް ގިނަ ޢަދަދަކަށް ފެން ބޮއިފީމެވެ. އެއީ ހޫނުގަދަ ކަމާއިއެކު ކަރުހިއްކުން އިތުރުވާތީ އެވެ. މި އިހުސާސް ގެނެސްދީ، ފެން ނުވަތަ ދިޔާ ތަކެތި ގިނައިން ބުއިމަށް އަހަރެމެން އެދުންވެރި ކުރުވީ ކިޑްނީގެ ހުނަރުވެރި ކަމެވެ. ހަމަ މިގޮތަށް ފިނިގަދަ ދުވަސްތަކުގައި ދިޔާތަކެތި މަދުން ބޯން ބޭނުން ވަނީވެސް، މި ގުނަވަން ހަށިގަޑުގެ ފިނި ހޫނުމިން އެއްމިންގަޑެއްގައި ބެހެއްޓުމަށް ފާރަވެރިވެފައިވާ މިންވަރުން ނެވެ.
ހަށިގަޑު ތެރޭގައި ދަމަހައްޓަންޖެހޭ ފިނި ހޫނުމިނާއި، އަދި ހަށިގަޑަށް ބޭނުންވާ މިންވަރުގައި ލޮނާއި، ފެނާއި އެހެނިހެން މާއްދާތައް އެއް މިންގަޑެއްގައި ހިފެހެއްޓުމަކީ މިކުޑަ ކިޑްނީގެ މަސްއޫލިއްޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދިހަމަ އެހެންމެ، ހަށިގަޑުން އުނިކުރަންޖެހޭ ތަކެތި ދެނެގަނެ، އެތަކެތި ހަށިގަޑުން ބޭރުކޮށްލުމަކީ ވެސް މި ގުނަވަނުގެ ހުޝިޔާރު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މީގެ އިތުރުން ވިޓަމިންސްއާއި، މިނެރަލްސް އަދި ބައެއް ހޯމޯންސް ހަށިގަޑަށް ބޭނުންވަނީ ކޮން ވަގުތުތަކެއްގައި ކަން ދެނެގަނެ، އެވަގުތު ތަކުގައި ލޭގެތެރެއަށް އެތަކެތި ފޮނުވައިލުމަކީ ވެސް ކިޑްނީގެ ޒިންމާގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން ކިޑްނީގައި މިމަސައްކަތް ކުރެވޭ ގޮތް ދެނެގަންނަމާ ހިގާށެވެ.
މަސައްކަތް ކުރަނީ ކިހިނެއް؟
އަހަރުމެންގެ ހިތުގެ ކޮންމެ ވިންދަކާއެކު ހަށިގަނޑުގައި ލޭދައުރުކުރެއެވެ. ދުޅަހެޔޮ ކިޑްނީއެއްނަމަ ދުވާލަކު 24 ގަޑިއިރު، ހަފްތާގެ 07 ދުވަހު މެދުކެނޑުމެއްނެތި ލޭސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެއެވެ. ނުސާފުލޭ ކިޑްނީ ތެރެއަށް ވަންނަނީ ކިޑްނީއާއި ގުޅިފައިވާ މައި ނާރު (ރީނަލް އާރޓަރީ) ންނެވެ. މިނާރު ގައިވާ އެތައް ގޮފިތަކެއް ފަހަނަޅައި ގޮސް ނުސާފުލޭ ވަންނަނީ ކިޑްނީގެ ތެރޭގައިވާ ނެފްރޯންސް ތެރެއަށެވެ. ކިޑްނީ އުފެދިފައިވަނީ މީގެ އެތައް މިލިއަން ނެފްރޯންސް ތަކުންނެވެ.
މި ނެފްރޯންސް އޭގެ މަސައްކަތް ކުރަނީ 2 މަރުޙަލާ އަކަށް ބަހައިގެންނެވެ. މިގޮތަށް މަސައްކަތް ކުރުމަށް ނެފްރޯންސް ތެރޭގައި ގްލޯމެރުލަސް (ފުރޭނި) ތަކާއި ޓިއުބުލްސް (ހޮޅިތަކެއް) ތަކެއް ވެއެވެ. މި ޢާލާތްތަކާއި އެކު ނެފްރޯންސް ގައި ވަރަށް ފުރިހަމަޔަށް މަސައްކަތް ކުރުމުގެ ނިޒާމް ރޭވިފައިވެއެވެ.
ފުރަތަމަ މަރުޙަލާގައި ގްލޯމެރުލަސް އަށް ލިބިފައިވާ ފުރޭނުމުގެ ކުޅަދާނަ ކަމާއި އެކު ހަށިގަޑަށް ބޭނުންވާ ބޮޑެތި މޮލެކިއުލްސް ތަކާއި ލޭގެ ސެލްސްތައް ވަކިކޮށް ހަށިގަޑުތެރެއަށް އަލުން ފޮނުވާ ލެވެއެވެ. އެއަށްފަހު ފެނާއި، ކުދި މޮލެކިއުލްސް އަދި ބޭނުން ނުވާ މާއްދާތައް ޓިއުބުލްސްތަކަށް ފޮނުވާލައެވެ. މީގެތެރެއިން ހަށިގަޑަށް ބޭނުންވާ ބާވަތްތަކާއި، އެތަކެތި ހުންނަން ޖެހޭ މިންވަރު ދެނެގަތުމުގެ ގާބިލްކަން މި ޓިއުބުލްސް ތަކަށް ލިބިފައި ވެއެވެ. އެހެންކަމުން ގްލޯމެރުލަސް އިން ފޮނުވި ތަކެތީގެ ތެރެއިން ހަށިގަޑަށް ބޭނުންވާ މާއްދާތަކާއި، އެބޭނުންވާ މިންވަރު ޓިއުބުލްސް ތަކުން ދެނެގަނެއެވެ. އޭގެ ފަހުން، ބޭނުންވާ ތަކެތި އެ ބޭނުންވާ މިންވަރަށް ނެގުމަށް ފަހު ދައުރުވަމުންދާ ލޭގެ ތެރެއަށް އަލުން ފޮނުވާލައެވެ.
ބާކީހުންނަ ބޭކާރު ފެނާއި، އިތުރުވާ ތަކެތި އަދި ވިހަ އެކުވެ ކުޑަކަމުދާ ތަކެތީގެ ގޮތުގައި ޓިއުބުލްސް އިން ޔޫރިޓާ ނަމަކަށް ކިޔޭ ތަނަކަށް ފޮނުވާލައެވެ. އެއަށްފަހު، ކުޑަކަމުދާ ތަކެތި އަބަދަށްޓަކައި ހަށިގަޑުން ވަކި ކޮށްލުމަށް ޔޫރިޓާ ތެރެއިން ގޮސް އޭގެ އެންމެ ފަހުގެ މަންޒިލް ކަމަށްވާ މަސާނާ (ބްލެޑާރ) ޔަށް ފޮނުވާލެވެއެވެ. ހަށިގަޑުން ކުޑަކަމުދާ ތަކެތި ވަކި ކުރެވެންދެން މިތާގައި ކުޑަކަމުދާ ތަކެތި ރައްކާ ކުރެވިފައި ހުންނާނެއެވެ. އެވްރެޖްގޮތެއްގައި 24 ގަޑި އިރު ތެރޭގައި 120 ލީޓަރާއި 150 ލީޓަރުގެ ލޭ ކިޑްނީގައި ސާފު ކުރެވެއެވެ. މީގެތެރެއިން ގާތްގަނޑަކަށް 2 ލީޓަރު ކުޑަކަމުދާތަކެތީގެ ގޮތުގައި އުފައްދައި، ބްލެޑާ އިން ބޭރުކޮށްދެއެވެ.
އުފައްދާ ހޯމޯންތައް:
ހޯމޯންއަކީ ހަށިގަނޑުގައި ކަނޑައެޅިފައިވާ ތަފާތު ސަރަޙައްދު ތަކުގައި އެހެން ގުނަވަންތަކަށް ސިގްނަލް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ވަސީލަތެކެވެ. ކިޑްނީއިން ތިންވައްތަރެއްގެ ހޯމޯން އުފައްދައެވެ. އެއީ ރެނިންއާއި ކެލްސިޓްރޯލް އާއި އެރިތްރޯޕޮއިޓިން އެވެ.
ރެނިން: މިއީ ކިޑްނީއިން އުފައްދާ ހޯމޯނެކެވެ. މިހޯމޯންއިން ލޭގެ ޕްރެޝަރ ހުންނަން ޖެހޭ މިންވަރުގައި ހިފެެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ސޯޑިޔަމް އާއި ދިޔާ އެއްޗެހި ހަށިގަނޑުގައި ކޮންޓްރޯލްކޮށް ލޭހޮޅިތަކަށް އަރާމް ލިއްބައިދެއެވެ.
ކެލްސިޓްރޯލް: މިއީ ކާނާގައި ހިމެނޭ ކެލްސިއަމް ހަށިގަނޑަށް ނަގައިދިނުމަށް އެހީވެދޭ ހޯމޯންއެކެވެ. ކިޑްނީއިން ކެލްސިއަމް ނުއުފައްދާނަމަ ހަށިގަނޑު ބޭނުންކުރާނީ ކާނާގައި ހުންނަ ކެލްސިއަމްއެވެ. މިގޮތުގައި މާގިނަ ދުވަސް ވާނަމަ ކަށީގެ ބަލިތަށް ޖެހެން ފަށައެވެ.
އެރިތްރޯޕްއިޓިން: މިއީ ލޭގެ ތެރޭގައިވާ ރަތް ސެލްސް (ރެޑް ބްލަޑް ސެލްސް) އުފެއްދުމަށް އެހީވާ ހޯމޯނެކެވެ. ރަތް ސެލްސް އަކީ ނޭވާލުމަށް ބޭނުންވާ އޮކްސިޖަން އުފުލާ އުޅަދެވެ. އެރިތްރޯޕޮއިޓިން ކިޔާ ހޯމޯން ކިޑްނީ އިން ހަށިގަޑަށް ދޫކޮށްލުމުން މައިބަދައިގެ މަދުން ރަތް ސެލްސް އުފައްދައެވެ. އެހެންކަމުން، ރަތްސެލް ވެސް އުފައްދަނީ ކިޑްނީ ސިގްނަލް ދިނުމުންނެވެ. މިއިން ދޭހަވަނީ އަހަރުމެންލާ ކޮންމެ ނޭވާ އަކީ ވެސް ކިޑްނީގެ މަސައްކަތުގެ ޙިއްސާ އޭގައި ހިމެނިގެން ލެވޭ ނޭވާ އެއްކަމެވެ.
އައިޝާގެ ކޮލަމް: އަޖާއިބުން ފުރިގެންވާ ކިޑްނީ! (ފުރަތަމަ ބައި)
ކިޑްނީއިން ހަށިގަޑުގެ ގިނަ ކަންތަކެއް ކޮންޓްރޯލް ކުރާކަން އަހަރުމެންނަށް އެގިއްޖެއެވެ. އަދި އެއީ ހަށިގަޑުގައިވާ ފެންސާފު ކުރާ ފެން ޕްލާންޓް ވެސް މެއެވެ. ހަމަ އެހެންމެ ލޭ ސާފުކުރާ ކުނި ނައްތާލާ މެށިންވެސް މެއެވެ. މިއީ އަޖާއިބުން ފުރިގެންވާ ގުނަވަނެއް ނޫން ހެއްޔެވެ. މިގުނަވަން މިހާ ފުރިހަމަ ގޮތުގައި ލައްވާ ދުޅަހެޔޮ ކިޑްނީއަކާއި އެކު ދިރިއުޅުމުގެ ނަސީބު ދެއްވި ކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާޔަށް ޙަމްދު ކުރަމެވެ. އަހަރުމެންގެ ކިޑްނީއަށް ހެޔޮދުޢާ ސަލާމް ކިޔަމުން މި ލިޔުން ނިންމާލަމެވެ.