twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޑެންގީ ޖެހިގެން ނިޔާވި ކުއްޖާއަށް ފަރުވާދިނުމުގައި “އިހުމާލުވި” ޑޮކްޓަރު މަކުނުދޫއަށް ފޮނުވާލައިފި

Aug 31, 2018

ޑެންގީ ހުން ޖެހިގެން މިމަހު ނިޔާވި ނުވަހުގެ ތުއްތު ކުއްޖާއަށް ފަރުވާދިނުމުގައި “އިހުމާލުވި” ކަމަށް ބުނާ ޑޮކްޓަރު ހދ މަކުނުދޫ ސިއްހީ މަރުކަޒަށް ބަދަލުކޮށްފި އެވެ. އެކުއްޖާ ނިޔާވީ މިމަހު 24 ވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮންނެވެ.

ކުޅުދުއްފުށީ/ ބަތަލާފަރުގެ، އަޒީން އިބުރާހިމް ނިޔާވެފައިވަނީ ބަލަން ޖެހޭވަރަށް ނުބަލައި ފަރުވާދިނުމުގެ ސަބަބުންކަން އެނގިފައިވެ އެވެ.

އިތުބާރު ހުރި މަސްދަރަކު ކޭއޯއަށް ކިޔައިދީފައިވަނީ އަޒީން ފިޓް ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމަހު 14 ވަނަ ދުވަހު ކަމަށާއި ލޭގެ ޓެސްޓް ހެދުމަށް އާއިލާއިން އެދުނު ނަމަވެސް ޓެސްޓް ނަހަދަ ދެ ދުވަސް ވަންދެން ބޭއްވުމަށްފަހު ގެއަށް ދޫކޮށްލީ ކަމަށެވެ. ގެއަށް ދޫކޮށްލިއިރުވެސް ހުން މައިތިރިނުވާކަމަށް އެނގިފައިވެ އެވެ.

ކުއްޖާއަށް ކުރިއެރުން ނުފެންނާތީ ދޫކޮށްލި ރޭ ހޮސްޕިޓަލަށް ދިޔަ ކަމާއި އޭރުވެސް ކުއްޖާގެ ގައިގާ އެއްވެސް ފަދަ އެއް ނެތް ކަމަށް މަސްދަރުން މައުލޫމާތު ދީފައިވެ އެވެ. އަދި ހޮސްޕިޓަލުގައިި ބާއްވައިގެން ފަރުވާދިނުމަށް އާއިލާއިން އެދުމުން އެޑްމިޓްކޮށް، ޓެސްޓް ހެދުމުން ޑެންގީއަށް ޕޮޒިޓިވް ވި އެވެ.

މައުލޫމާތުދިން މަސްދަރުން އިތުރަށް ބުނީ އެހާ ތުއްތު ކުއްޖަކަށް ފަރުވާދީ ބޭސް ދީފައިވަނީ ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރެއްގެވެސް ލަފާގެ މަތިން ނޫން ކަމަށާއި އެކުއްޖާއަށް ފަރުވާދީފައިވަނީ މެޑިކަލް އޮފިޝަލެއް ކަމަށެވެ. އެ ޑޮކްޓަރު ލިޔެދިން ބޭސް ސިޓީގައި “ބުރޫފަން” ވެސް ހިމަނާފައިވާކަމަށް އޭނާ ބުންޏެވެ. އެކަމަކު ފަހުން އެކުއްޖާގެ ހާލު އިތުރަށް ދެރަވުމުން އެހެން އެވީ ބޭހުގެ ސަބަބުން ކިޑްނީ އާއި ލިވަރ ގައި މައްސަލަ ދިމާވުމުންކަމަށް އެ ޑޮކްޓަރުން ބުނިކަމަށް އެނގިފައިވެ އެވެ.

އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންވެސް އެކަމަށް ބާރުލިބޭ ގޮތަށް ވާހަކަދެއްކެވިކަމަށް ކޭއޯއަށް މައުލޫމާތުދިން މީހާ ކިޔާދިނެވެ. އެގޮތުން ކުއްޖާ ނިޔާވީ ބާރުގަދަ ބޭހެއްގެ ސަބަބުން ކިޑްނީ އާއި ލިވަރ ފެއިލްވުމުންކަމަށް ބެލެވޭކަމަށް އައިޖީއެމްއެޗުގައި ކުއްޖާ ބެލި ޑޮކްޓަރުން ވިދާޅުވިކަމަށް އެމީހާ ބުންޏެވެ. އަދި ކުއްޖާގެ މަރު ފޯމުގައި ލިޔެފައިވަނީ މިހެންނެވެ.

” ސީދާ ބުރޫފަން ދީގެން އެހެންވީ އެކޭ މާލެއަކުންވެސް ނުބުނޭ. ބުނީ ބާރުގަދަ ބޭހެއްގެ ސަބަބުން ކުއްޖާގެ ކިޑްނީ އާއި ލިވަރ ފެއިލްވީކަމަށް.” އެމީހާ ކިޔައިދިނެެވެ.

ޑެންގީ ހުން ޖެހިގެން 9 މަހުގެ ކުއްޖަކު މަރުވެއްޖެ، މައްސަލަ ދަނީ ބަލަމުން !

މިމައްސަލަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތަހުގީގު ކުރަމުންދާތީ އިތުރަށްވަނީ މައުލޫމާތު ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355