twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހާލު ދެރަ ނޫންކަމަށް ބުނެ ދަތުރުކުރުމަށް މެޑް ފޯމު ނުދިން ކުއްޖާ، އިންޑިޔާގެ ހޮސްޕިޓަލެއްގެ އައިސީޔޫގަ

Sep 2, 2018

ހާލު ދެރަ ނޫންކަމަށް ބުނެ ދަތުރުކުރުމަށް މެޑް ފޯމު ދޫނުކޮށް ހިފެހެއްޓި ކުއްޖާ މިހާރު އޮތީ އޮތީ އިންޑިޔާގެ އާނަންތަޕޫރި ހޮސްޕިޓަލުގެ މެޑިކަލް އައިސީޔޫގައިކަމަށް އެކުއްޖާގެ އާއިލާއިން ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހު 27 ވަނަ ދުވަހު ގައިގެ ތަންތަން ދުޅަވެ ނޭވާލުމަށް ދަތިވެގެން ހދ ނޮޅިވަރަމް ޖަޒީރާ، އުމުރުން 22 އަހަރުގެ ޖައިޝަން ޖަމީލް ކުޅުދުއްފުށީ ހޮސްޕިޓަލަށް އައީ ނޮޅިވަރަމް ސިއްހީ މަރުކަޒުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމަށް އެންގުމުންނެވެ.

އޭގެ ކުރިންވެސް އެނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އެހެންނަމަވެސް އެފަހަރުވެސް މާ ބޮޑު މައްސަލައެއް ނެތްކަމަށް ބުނެ އެއްވެސް ޓެސްޓެއް ނުހަދާ ދޫކޮށްލީ ކަމަށާއި މި ޒުވާނާއަކީ ލޭ އަޅާކުއްޖެެއް ކަމަށްވެސް އެއާއިލާއިން ކޭއޯއަށް މައުލޫމާތު ދެއެވެ.

ހާލު ސީރިއަސް ވެގެން ކުޅުދުއްފުއްޓަށް އައި ދެފަހަރުވެސް ދައްކާފައިވަނީ އެތެރެ ހައްޓަށް ހާއްސަކަމަށް އެ ހޮސްޕިޓަލްގައި އިންނަ މެޑިކަލް އޮފިސަރަކަށެވެ.

މިިދިޔަ ހޯމަ ދުވަހު ދެއްކުމުން އެޓްމިޓްކޮށް ޓެސްޓު ހެދިނަމަވެސް ކުއްޖާގެ ހާލު ދެރަވާތީ ޓެސްޓު ނަތީޖާ ލިބުމުގެކުރިން އާއިލާއިން އަމިއްލައަށް އެދިގެން މާލެ ގެންދިއުމަށް މެޑިކަލް ފޯމް ފުރާދިނުމަށް އެދުމުން ކުއްޖާގެ މާބޮޑު މައްސަލައެއް ނޫޅޭކަމަށް ބުނެ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރު ފޯމް ފުރާދިނުމަށް ވެސް ދެކޮޅު ހަދާފައިވާކަމަށް އެއާއިލާއިން މައުލޫމާތު ދެއެވެ.

އެހެންކަމުން އެވަގުތު ހޮސްޕިޓަލްގައި ހުރި އެހެން ޑޮކްޓަރަކު މެދުވެރިކޮށް އާއިލާއިން އެދިގެން އޭނާ ހޮސްޕިޓަލުން ޑިސްޗާޖުކޮށް އާއިލާއިން މާލެ ގެނައީ އޮގަސްޓް 28 ގައި ކަމަށާއި އެއަށްފަހު އިންޑިޔާއަށް ދިޔައީ 29 ގައި ކަމަށް އެއާއިލާއިން ބުނެއެވެ.

އިންޑިޔާގެ އާނަންތަޕޫރި ހޮސްޕިޓަލަށް ދެއްކުމުން އެންމެ ފުރަތަމަވެސް އޭނާ އެޑްމިޓް ކުރީ މެޑިކަލް އައިސީޔޫގައި ކަމަށާއި މުޅި ހަށިގަނޑުގައި ވަރަށް ބޮޑަށް ފެން އުފެދިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އަދި މި ވަގުތު ވިއްދު ވަރަށް ދަށްކަމަށާއި ފެންތައް ހަށިގަނޑުން ދެމޭނީ ވިއްދު ހަމައަކަށް އެޅުމުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް އެއާއިލާއިން މައުލޫމާތު ދެއެވެ.

މިހާތަނަށް އާސަންދަ ވެސް ހަމަޖެހިފައި ނުވާކަމަށާއި އާސަންދަ ހަަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެއާއިލާއިން މައުލޫމާތު ދެއެވެ.

ދާދިފަހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ޑޮކްޓަރުގެ އިހުމާލުން ތުއްތު ކުއްޖެ މަރުވި މައްސަލައެއްވެސް ފެންމަތި ވެފައެވެ. ޑެންގީ ޖެހިގެން ނިޔާވި ތުއްތު ކުއްޖަކު ބެލުމަށް އިހުމާލުވި ޑޮކްޓަރު މިހާރު ވަނީ ހދ މަކުނުދޫއަށް ބަދަލު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355