ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުވެއްޖެނަމަ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދާނެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ރަނިންގ މޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެެވެ.
ރައީސް ޔާމީނަށް ތާއިދު ހޯދައިދެއްވުމުގެ ގޮތުން ޑރ ޝަހީމް ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ކުޅުދުއްފުށީ، ޕީޕީއެމްގެ އަސުރުމާ ޖަގަހާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުކޮށްދެއްވައިފިނަމަ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދެއްވަފާނެކަމަށެވެ.
“އަޅުގަނޑަށް ޔަގީނޭ ދެވަނަ ދައުރަކަށް ރައީސް (ޔާމީން) އިންތިހާބުކުރައްވައިފިއްޏާ ކުޅުދުއްފުށީ އެއާޕޯޓް އިންޓަނޭޝަނަލް ނުކުރާނެކަމެއް. އަޅުގަނޑަށް ހަމަ ޔަގީން ހަމަ ކޮށްފާނެކަން.” ރޭ ކުޅުދުއްފުށީ، އަސުރުމާ ޖަގަހާގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް ރައީސް ޔާމީން ހަދައްވައިދެއްކަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މާލެއިން ފުރައިގެން ސީދާ ފްލައިޓްގައި ކުޅުދުއްފުއްޓަށް އާދެވޭނެ ދުވަސް ދާދި ގާތުގައިވާ ކަމަށާއި މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެެވެ. ޝަހީމް ވިދާޅުވީ އެމަނިކުފާނުވެސް މާލޭއިން ފުރައިގެން ސީދާ ފްލައިޓްގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަރަށް ބޭނުންވާ ކަމަށެވެ.
ބައެއް ސަރަހައްދުތަކުގެ އެއާޕޯޓްތައް ސަރުކާރުން އިންޓަނޭޝަން އެއާޕޯޓްތަކަށް ބަދަލު ކުރަމުންދާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އައްޑޫ ސިޓީއަށް ސީދާ ރާއްޖޭ ބޭރުން ފުލައިޓް އަންނަކަމަށާއި ގދ އަތޮޅަށް އެއާޕޯޓަށް ސީދާ އެމެރިކާ އިން ވަރަށް އަވަހަށް ފުލައިޓް އަންނާނެކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެންވީމަ ރައްޔިތުންނަށް ފަސޭހަ ކިއްތަމެއް ސަރުކާރުން ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާކަމަށެވެ.
ޑރ ޝަހީމް ވިދާޅުވީގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންޖިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ޝަހީމް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގައުމީ ހޮސްޕިޓަލުތައް ގާއިމްކުރަމުންގެންދާކަމަށް ޝަހީމް ވިދާޅުވި އެވެ.