twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގޯތިތަކުގެ ބަދަލަށްވާ ފައިސާ އެކައުންޓްތަކަށް ޖަމާކޮށްނުދީ ނުކުންނަށް އެންގުމަކީ ކަންބޮޑުވުމެއް: ކުޅުދުއްފުށީ ކައުންސިލް

Sep 5, 2018

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯތިތަކުގެ ތެރެއިން އެއްވެސް ބަޔަކު ގެއިން ނިކުންނަށް އިންކާރުނުކުރާ ކަމަށާއި އެކަމަކު ގެތަކުގެ ބަދަލާއި ކުލީގެ ފައިސާ އެމީހުންގެ އެކައުންޓަތަކަށް ޖަމާކޮށް ނުދީ ގެތަކުން ނުކުންނަށް އެންގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް އަރާ 18 ގޯތީގެ ތެރެއިން 9 ގޭގައި މިހާރުންވެސް މީހުން ދިރިއުޅެމުންދެ އެވެ. ކޯޓް މަރުހަލާއިން މިމައްސަލަތައް ނިމިގެންދިޔައީ ބައެއް ގެތަކުގެ ވެރިން ހުށަހެޅި އަދަދަށް ރިޔާއަތް ކުރުމެއް ނެތި ހަމައެކަނި ދައުލަތުން ހުށަހެޅި ލިޔެކިއުމަށް ބަލައިގެންނެވެ.

އެގޮތުން ބައެއް ގޯތިތަކުގައި އިމާރާތުގެ އަގުގެ ގޮތުގައި އަދުލުވެރި ބަދަލެއް ކަމުގައި މިމައްސަލާއާ ގުޅިގެން ދައުލަތުން ހުށަހެޅި ވެލުއޭޝަން ރިޕޯޓަށް ބެލުމަށްފަހުކަން ކޯޓް ހުކުމުން އެނގެން އޮވެ އެވެ. އޯގަސްޓްމަހުގެ ފަހު ހަފްތާ ނިންމާފައިވާ މިމައްސަލަތައް ނިންމާތާ 20 ދުވަހުގެ ތެރޭގައި ގެތަކަށް ފައިސާ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކުރުމަށް ހުކުމްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މިމައްސަލާގެ އެއްވެސް މުއާމަލާތެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ހިއްސާކޮށްފައިނުވާ ކަމަށެވެ. ބަދަލުގައި ގޯތިތައް ދިނުމަށް ބޭނުންވާ ސަރަހައްދެއް ކަނޑައަޅަން ކައުންސިލަށް ފުރަތަމަ ފުރުސަތު ލިބުނުކަމަށާއި އެގޮތުން ބަދަލުކުރާ 18 ގޯތި ދިނުމަށް ކައުންސިލުން ހަމަޖެއްސީ އިމާރާތްކުރަމުންދާ މަސްޖިދުލް ފިރުދައުސް ކައިރިން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން ގޯތި ދޫނުކުރުމަށް ހައުންސިންގ މިނިސްޓްރީން އެންގިކަމަށް ލަތީފް ވިދާޅުވި އެވެ.

އަދި މިހާރު ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހައުންސިންގ މިނިސްޓްރީން ދެއްކިން ތިން ސަރަހައްދަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކަސްޓަމްގެ އިމާރާތުގެ ދެކުނުން އޮންނަ ސަރަހައްދުންނާއި ހިރަފުސް ދަނޑު ކައިރީގައި އޮންނަ ހުސް ބިމަކުން އަދި އުތުރު އަވަށުގައި ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ބޭނުންކުރި ބިމަކުން ކަމަށެވެ. އެކަމަކު އެސަރަހައްދުތަކުން ގޯތި ހަމަޖެހިގެންދަނީ ކޮންކޮން ފަރާތްތަކަށް ކަމެއް ނޭނގޭކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ އެކަން އެނގޭނީ ކޯޓުން ނިންމާގޮތެއްގެ މަތިން ކަމަށާއި އެ ހުކުމްތައް އަދި ކައުންސިލާ ހިއްސާނުކުރާ ކަމަށެވެ.

އެހެންވުމުން ގޯތިތައް ރަޖިސްޓްރީކުރަން އަދި ފެށިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ރައްޔިތުން ގޯތިތަކުން ނެރެންވާނީ ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާ ގެތަކުގެ ވެރިންގެ އެކައުންޓްތަކަށް ޖަމާކުރުމަށްފަހު ކަމަށެވެ. އަދި ކުއްޔަށް ދޭން ނިންމާފައިވާ ފައިސާވެސް ގެތަކުގެ ވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްދިނުމަށް އެދުނެވެ.

އެމައްސަލާގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާތީ ރީޖަނަލް އެއާޕޯޓްސްއާ ވާހަކަދެއްކި ކަމަށާއި އެ ބޭފުޅުން މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަކަށް ފައިސާގެ ކަންތައްތައް ހަމަޖައްސަންކަމަށް ވިދާޅުވެފައިވާކަމަށް ލަތީފް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355