އިބްރާހިމް ހަމީދު
ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ކުޅުދުއްފުށީގެ ތަރައްގީއަށް ރޭވިފައި ހުރިކަންތައްތަކާއި ބެހޭގޮތުންނާއި މިހާރު ކުޅުދުއްފުށީގެ ތަރައްގީއަށް ހިނގަމުންދާ މަޝްރޫއުތަކާއި ބެހޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާ ކުރަށްވާނެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ސައިޓްތަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަތިއުތުރު ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފާއި އެފީހުގެ އިސްވެރިންނާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދާއި ކައުންސިލްގެ މެމްބަރުންނެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިސްވެރިންނާއި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެފައި ތިއްބެވެ.