އެމީހެއްގެ ޣައިރު ހާޒިރުގައި ހުކުމްކުރެވި، އިތުރުކުށެއްނުކޮށް، 5 އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުސަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނިންމަވައިފި އެވެ.
މިގޮތަށް ނިންމެވީ، ޤާނޫނުނު ނަންބަރު: 2/2010 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގެންފައިވާ އިހްތިޔާރުގެ ދަށުން، 2018 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސްގެ ހާއްސަ ފުރުސަތުގެ ދަށުން، ސަރުތުފުރިހަމަވާ ދިވެހި ރައްޔިތުންނަށް ލިބިދެވުނު ފުރުސަތާ ގުޅިގެން، ޣައިރު ހާސިރުގައި ހުކުމްކުރެވިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސް އަރިހަށް ހުށަހެޅުނު ސަކުވާތަކާ ގުޅިގެން، އެ މައްސަލަ މިއޮފީހުން ބެލިއިރު، މިފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމައުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުސަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާތީކަމަށް ރައީސް އޮފީހުން ބުނެ އެެވެ.
އެކަމުގެ ސަބަބުތަކުގެ ތެރޭގައި މިގޮތަށް ހުކުމްކުރެވި 18 ނުވަތަ 15 އަހަރު ފަދަ ގިނަދުވަސްތަކެއްވެފައިވާ މީހުން ތިބެފައި، މިފަދަ ގިނަ މީހުންތަކެއް މިހާރު، އާއިލާއެއް ފަށައި، ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް، މުޖްތަމައުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމައުގެ އެހެން މީހުން ފަދައިން، ދިރިއުޅެމުން ގެންދާތީކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި މިފަދަ ހާލަތުގައި އެފަދަ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އެމީހުންގެ ކުދިންނާއި އާއިލާއަށް އަދި މުޖްތަމައަށްވެސް ފައިދާ ބޮޑުވާނި އެމީހުންނަށް ފުރުސަތެއް ލިބިދިނުންކަމާއި، އަދި މިފަދަ ފުރުސަތެއް ލިބިނުދެވިއްޖެނަމަ، އެފަދަ މީހުންނަށް ކުށުގެ ގާނޫނީ ވެށިން ނިކުމެވޭނޭ އެހެން ގޮތެއް ނެތަތީއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޣައިރު ހާޒިރުގައި ހުކުމްކުރެވިފައިވާ މީހުން ހުށަހެޅި ސަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށްފަހުއެވެ. މި ފުރުސަތުގެ ދަށުން މައާފުދޭން ހަމަޖެހިފައިވަނީ މިހާރު ކުށުންދުރުގައި 5 އަހަރުހޭދަކޮށް، އާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ގައުމަށް ފައިދާކުރަނިވި ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށެވެ.
މިގޮތަށް ހަމަޖެއްސެވި ނަމަވެސް މިފުރުސަތުގެ ދަށުންވެސް، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް އެމީހެއްގެ މައްޗަށްކޮށްފައިވާ މީހަކަށް ފުރުސަތެއް ލިބިނުދެވޭނެއެވެ.
ރައީސްގެ ނިންމެވުމާއި ގުޅިގެން، މިފަދަ މީހުންގެ މައްސަލަތައް މިއޮފީހަށް ފޮނުއްވުމަށް މިނިސްޓްރި އޮފް ހޯމްއެފެއާޒްގައި މިއޮފީހުން މިހާރުވާނީ ދަންނަވާފައެވެ.