މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ކުޅުދުއްފުށީގައި ބަހައްޓާ ފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގުރާމް ފަށައިފި އެވެ.
މިކަމަށްޓަކާ މިއަދު ހެނދުނު ކުޅުދުއްފުށީ ނޮދަރ ރީޖަނަލް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް އެވެ.
މިރަސްމިއްޔާތުގައި އަޕަރ ނޯތް ރީޖަންގެ ޕޮލިސް ކޮމާންޑަރ އަލީ ޝަރީފް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ބައިވެރިވެލެއްވި އެވެ.
23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި 8 ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު އެ ފޮށިތަކުގައި 70 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.
ކުޅުދުއްފުށީގެ އިތުރުން މި ތަމްރީން ޕްރޮގުރާމްތައް ހދ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދާނެ އެވެ.