ރާއްޖޭގެ އެންމެ ވަރުގަދަ އެތުލީޓުންނަށް ދައުވަތުދީގެން ފުރަތަމަ ފަހަރަށް ބޭއްވި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި އަފީފުއްދީން ސްކޫލުގެ އެތުލީޓުންނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އައްޑޫގައި ކުރިއަށްދިޔަ މިމުބާރާތުގައި އަފީފުއްދީން ސްކޫލުގެ 5 އެތުލީޓުން ބައިވެރިވި އެވެ. އެ ސްކޫލުން ވާދަކުރި އިފްރާން އަބޫބަކުރާއި މުހައްމަދު ޝާމް އަހުމަދު ވަނީ ބްރޮންޒް މެޑަލް ހޯދާފަ އެވެ. އަނެއް ތިން ދަރިވަރުންވެސް ވަނީ ކުރިއެރުން ހޯދާފަ އެވެ.
މުބާރާތް ނިންމާލުމަށްފަހު އެ ދަރިވަރުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިރޭ އެވެ. ބަނދަރުން މަތިން އެކުދިންނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ސްކޫލު ފަރާތުން ކޮންމެ އެތުލީޓެއްގެ ކަރުގައިވަނީ މެޑަލް އަޅުވާދީފަ އެވެ.
ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުން މަރުހަބާ ކިޔުމަށް ބަނދަރަށް ޖަމާވެފައިވާއިރު އެ ދަރިވަރުންނަށް ކިޔާފައިވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާ އެވެ.
އަފީފުއްދީންގެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔަނީ–
މާފަތިތަކާއި ކުރުނބާ ދިނުމަށްފަހު އެކުދިން ސްކޫލަށް ގެންގޮސްފައިވަނީ ސައިކަލު ބުރެއްގައި އެވެ. އެސައިކަލު ބުރުގައި ސްކޫލުގެ ވެރިންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވި އެވެ.