ކުޅުދުއްފުށީ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސަނީ އެއާޕޯޓް ނުނިންމާ، އެކި އެއާޕޯޓްތަކުން ތަކެތި ގެނެސްގެން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ބައިވެރިވެޑައިގެން މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ދެ އަހަރު ދުވަހުން ނިންމަން ވައުދުވި އެއާޕޯޓް ފަސް އަހަރުންވެސް ނުނިންމުނުކަމަށާއި މާދަމާ ޓެސްޓް ފްލައިޓް ޖައްސަނީ އެއާޕޯޓްގެ މަސައްކަތް ނުނިންމަ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސަން ސަރުކާރުން ތައްޔާރުވަމުންދާއިރު އެކަމަށް ބޭނުންވާ ސާމާނާއި ބައެއް ތަކެތި ގެނެސްފައިވަނީ ހަނިމާދޫ އެއާޕޯޓުންނާއި ރ އިފުރު އެއާޕޯޓުން ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު ސާމީ އަގީލް ވިދާޅުވީ މާދަމާ ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ. އެގޮތުން ފުލައިޓް ޖައްސަން ނިންމާފައިވަނީ 14:40 އަށެވެ.
12 މީޓަރުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ އަންގާރަދުވަހު އެވެ.