ސެޕްޓެމްބަރ މަހު 19 ވަނަ ދުވަހަކީ ޔަގީނުންވެސް ކުޅުދުއްފުށީގެ ރައްޔިތުންގެ ހިތްތަކުން ފިލާ ނުދާނެ ދުވަހެކެވެ. އެއީ ކުޅުދުއްފުށީގެ ތަރައްގީއަށް އިތުރު ބޮޅެއް އެމުނި އިންތިހާ އުފާވެރިކަމާއި އުންމީދުން ރަށް އުޖާލާ ކުރި ދުވަހެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ހުވަފެން ގާތްގަނޑަކަށް ހަގީގަތަކަށްވެފައިވާއިރު މިއީ ރައްޔިތުންނަށް ލިބުނު އުފަލާއި އެއްވަރަށް ޖީބަށްވެސް ވި ފަސޭހައެކެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ މައި ހަބަށްވެފައި ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތުން ވެގެންދާނީ ބޮޑު ތިލަދުންމަތީގެ ރައްުޔިތުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށެވެ.
އިއްޔެ ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ނިންމާ ޓެސްޓު ފްލައިޓު ޖައްސާފައިވާއިރު އެކަމުން ލިބުން ހިތްހަމަޖެހުން އެތަނުގެ ތިބި ރައްޔިތުންގެ މޫނުމަތިން ފެނިގެން ދިޔައިރު މިއީ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުމެެވެ. އެކަމަކު އަދި ނިންމާލެވިފައިވަނީ ރަންވޭ އެކަންޏެވެ.
ރަންވޭ ނިންމާ އިއްޔެ ޓެސްޓް ފުލައިޓް ޖައްސަނީ–
އެތަނުގައި ތިބި ބައެއް ރައްޔިތުންނާއި ވާހަކަ ދައްކާލުމުން ބުނީ މިއީ ވަރަށް ބޭނުންވެފައި ހުރި ކަމެއްކަމަށާއި މިކަމުން ރައްޔިތުން މަތިން ދަތުރުކުރުމަށް ނުހަނު ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.
“ކުރިން ވިއްޔާ ހަނިމާދޫއަށް ދަތުރު ކުރަން މިޖެހެނީ މަތިން މާލެދާންވެސް، އިތުރަށް ލޯންޗެއްނަގައިގެން ދިއުމަކީ ޓިކެޓެއްގެ އަގަށް ވުރެ ބޮޑަށް ހޭދަކުރަން ޖެހޭކަމެއް” ލިބުނު ހިތްހަމަޖެހުން ފާޅު ކުރަމުން ރައްޔިތަކު ބުންޏެވެ.
ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓްގެ ރަންވޭ ނިންމާ ޓެސްޓް ފުލައިޓް ޖެއްސުމުގެ އުފަލުގައި ބައިވެރިވަނީ–
މީގެ އިތުރުން އަތޮޅުންނައި އަތޮޅުގެ ބޭރުން ކޮންމެ ދުވަހަކުހެން ކުޅުދުއްފުއްޓަށް ފެރީތައް އޮތުމަކީ އެހެންރަށްތަކުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމުން ވެގެންދާނެ ފަސޭހައެވެ. ކުޅުދުފުށީގައި މިސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލު އޮތުމާއި އެކިއެކި ކަންކަމުގައި ކުޅުދުއްުފުއްޓަށް ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ރައްޔިތުން އާދެއެވެ.
އަދި މީގެ އިތުރުން އެމަޖެންސީގައި ބަލިމީހަކު ފޮނުވާލުމަކީވެސް މީގެ ކުރިން ނުހަނު ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމެެކެވެ. ހާއްސަކޮށް މޫސުން ގޯސް ދުވަސް ވަރެއްނަމަ ހަނިމާދޫއަށް ދަތުރު ކުރުމަކީ ރައްޔިތުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ.
“މިރަށު (ކުޅުދުއްފުށީ) އެއާޕޯޓު އެޅުމުން ކުޅުދުއްފުއްޓަށް ސިއްހީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް މިލިބުނީ، މިރަށައް ކިތަންމެ ކުޑަކަމަކު ޑޮކްޓަރަށް ދައްކަން އައީމަ ބުނާނީ މާލެ ދާށޭ، މިހާރުދެން އިތުރު ދަތުރެއްކޮށް ހަނިމާދޫއަށް ނުގޮސް މިކަން ވާނެކަމަށް މިބަލަނީ” ރައްޔިތަކު ބުންޏެވެ.
ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓްގެ ރަންވޭ ނިންމާ ޓެސްޓް ފުލައިޓް ޖެއްސުމުގެ އުފަލުގައި ބައިވެރިވަނީ–
ކުޅުދުއްފުށީ އެއާޕޯޓުގެ ވައުދަކީ ރައީސް ޔާމިންގެ ނިމިގެން މިދާ 5 އަހަރުގެ ދައުރުގެ ފުރަަތަމަ 2 އަހަރުގެ ތެރޭގައި ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ވައުދެކެވެ. އެއާއެކު ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިފައި މިވަނީ ގިނަ ބަޔަކު އެއާޕޯޓުގެ ހުވަފެން ފުރިހަމަ ނުވާނެ ކަމަށް ނިންމައިގެން ތިއްބައެވެ. އަދި ލަހުން ނަމަވެސް ހުވަފެނުގައި ކުލަޖެހުމުންގެ އުންމީދުން އާލާވެ، ރައްޔިތުންގެ ރައީސް ޔާމިނަށް ޝުކުރުވެރިވާ ހާލުގައެވެ.