އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށި ބަހައްޓާތީ، ޖެހިގެން އަންނަ ހޯމަ ދުވަހުގެ ކިޔެވުން ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ. ނަމަވެސް އެ ދުވަހު ސަރުކާރު ބަންދެއް ނުވާނެ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވޯޓުފޮށި ބަހައްޓަނީ ސްކޫލުތަކުގައި ކަމަށެވެ. އެ ގޮތުން ހޯމަ ދުވަހުގެ ކިޔެވުން ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ވޯޓުލުމުގެ މަސައްކަތް ދިގުލައިގެން ހިނގައިދާނެތީ ކަމަށް މުއާޒު ވިދާޅުވި އެވެ.
އެހެންކަމުން އެ ދުވަހު ބަންދުކުރަނީ ހަމައެކަނި ސްކޫލުތަކުގެ ކިޔެވުން ކަމަށާއި ސަރުކާރު އޮފީސްތައް ބަންދު ނުވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ތިން ދުވަހަށް ވީއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މި ފަހަރުގެ އިންތިހާބަކީ ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށެވެ.