ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ، ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓަށް ފުލައިޓްގަ އެވެ. ރަންވޭ ނިންމާ ޓެސްޓް ފުލައިޓް ޖައްސާފައިވަނީ އިއްޔެ އެެވެ.
އެނގިފައިވާގޮތުގައި ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. ޕީޕީއެމްގެ އިސްބައެއް ފަރާތްތަކުން ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ނުލިބުނެވެ. މިއީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތާ 4 ވަނަ ފަހަރެވެ.
ޓެސްޓް ފުލައިޓްގައި އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަޑައިގެންނެވި އެވެ.
ޒަމީރު އިއްޔެ އެތަނުގައި ހުންނަވައިގެން ވިދާޅުވީ ރަސްމީކޮށް ކުޅުދުއްފުށީ އެއާޕޯޓް ހުޅުވަން ރައީސް ޔާމީން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށެވެ.