twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރިޝްވަތުގައި ބައިވެރިވާ އެންމެންނަށް ﷲ ގެ ރަސޫލާ ވަނީ ލަޢުނަތް ލައްވާފަ: ޑރ. އިޔާޒް

Sep 21, 2018

ރިޝްވަތު ދޭ މީހާ އާއި ރިޝްވަތުގައި ހިފާ މީހާ އަދި އެކަމުގެ ބައިވެރިވާ ހުރިހާ އެންމެންނަށް ﷲ ގެ ރަސޫލާ ވަނީ ލަޢުނަތް ލައްވާފަކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

އިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރޭ ކުޅުދުއްފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިހާރަކަށް އައިސް ތިން މިލިއަން ރުފިޔާ ހިފައިގެން އައިސް ރައްޔިތުންގެ އައިޑީކާޑް ގަންނަ ވާހަކައިގެ އަޑުގަދަވެފައިވާކަމަށް ވިދާޅުވަމުން އިޔާޒް ވިދާޅުވީ އެއްގޮތަށް އައިޑީކާޑު ވިއްކާލައިފިނަމަ އެ ހިފެނީ ރިޝްވަތުގައި ކަމަށާއި ރިޝްވަތަކީ ވަރަށް ނުރައްކާތެރި ނުބައި އެއްޗެއް ކަމަށެވެ.

ރިޝްވަތުގެ ނުބައިކަން ދީނުގައި އޮންނަ ގޮތް ތަފްސީލްކޮށްދެއްވަމުން އޭނާ ވިދާޅުވީ ރިޝްވަތު ދޭ މީހާ އާއި އެ ރިޝްވަތުގައި ހިފާ މީހާ އަދި އެކަމުގައި އުޅޭ ހުރިހާ ފަރާތެއްގެ މައްޗަށް ﷲގެ ރަސޫލާ ލަޢުނަތް ލައްވާފައިވާކަމެއްކަމަށް އިޔާޒް ވިދާޅުވި އެވެ. ލަޢުނަތް ލެއްވުމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ރަޙްމަތުން އެމީހަކު ބޭރުވެގެންދިއުމެވެ. ކުރީ ޒަމާނުގެ ބައެއް ގައުމުތައް ރިބާ އާއި ރިޝްވަތު އާންމުވުމުންގެ ސަބަބުން ﷲ އެގައުމުތައް ހަލާކުކުރެއްވިކަމަށް ޤުރުއާންގެ އެހީގައި އޭނާ ވިދާޅުވި އެވެ.

ރިޝްވަތުގެ ފައިސާއަކީ އަލިފާންކަމަށާއި އެފައިސާ ބޭނުންކުރުމުން ބަނޑަށް އެ އެޅެނީ އަލިފާން ކަމަށެވެ. ވޯޓަކީ އަމާނާތްތެއް ކަމަށާއި އަމާނާތްތައް ހިޔާނާތްތެރިވެއްޖެނަމަ ﷲ ސުބުހާނަހޫ ވަތައާލާ އެމީހަކާ ސުވާލުކުރައްވާނެކަމަށް އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް އަންނަ ޖެހޭނީ ވަރަށް އޯގާތެރި ވެރިއެއް ކަމަށާއި ހިޔާލު ތަފާތުވާ ދަނޑިވަޅުތަކުގައި ރައްޔިތުން މީހާ ވަޒީފާއިން ވަކިކޮށް، ޖަލަށްލައި ގޮތްދޫނުކުރާ ވެރިއެއް އިސްލާމީ ގައުމެއްގެ ވެރިޔަކަށް ވެގެން ނުވާނެކަމަށެވެ. ހަރުކަށި ގޮތްދޫނުކުރާ ވެރިން އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަނުވާނެކަމަށް ވިދާޅުވަމުން އެކަން އިޔާޒް ވަނީ ކީރިތި ޤުރުއާންނާއި ރަސޫލާގެ ސުންނަތު އެހީގައި ވިދާޅުވެދެއްވާފަ އެވެ.

އިޔާޒް ވިދާޅުވީ ހިޔާލާއި ފިކުރު ތަފާތުވިކަމުގައި ވިޔަސް އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ނުދެއްކޭ ހިސާބަށް ނުވަތަ މޫނު އަނބުރާ ހިސާބަށް ގޮސްގެން ނުވާނެ ކަމަށާއި އިބުރާހިމް މުހައްމަދު ސޯލިޙްއަކީ ގިނަ ހިޔާލުތަކެއްގެ ބަޔަކު ގޮވައިގެން އެއްކޮށް އުޅުމުގެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް އިޔާޒް ވިދާޅުވި އެވެ.

އެފަދަ ގާބިލުކަމެއް އިބުރާހިމް މުހައްމަދު ސޯލިޙްގައި ނެތްނަމަ ހަތަރު ޕާޓީއަށް ނިސްބަތްވެޑައިގަންނަވާ ހިޔާލު ތަފާތު ހަތަރު ލީޑަރުން އެއްގަލަކަށް އަރުވައިގެން މިހާ ހިސާބަށް ނާދެވޭނެކަމަށެވެ. އޭނާ ވިދާޅުވީ މިއީ މުސްލިމު އަޙުންތަކެއް ކަމަށާއި އެކަކު އަނެއްކަކާއި މޫނު ދިމާނުވެ ތިބެގެން ނުވާނެކަމަށެވެ.

ކާހިނެއްގެ ގާތަށްގޮސް ކަމަކަށް އެދި އެކަމެއް ގަބޫލުކޮށްފިނަމަ އެއީ ﷲ ބާއްވާލެއްވި ތަކެއްޗަށް ގަބޫލުނުކުރުން ކަމަށެވެ.

ގޮތެއް ނިންމުމުގެ ކުރިން އިސްތިލާހާ ނަމާދުކުރުމަށް ޑރ އިޔާޒް ވަނީ އިލްތިމާސްކުރައްވައިފި އެވެ. އިޔާޒް ވިދާޅުވީ އިބުރާހިމް މުހައްމަދު ސޯލިޙްއަށް ތާއިދުކުރަން ނިމުމުގެ ކުރިން އެބޭފުޅާވެސް އިސްތިލާހާ ނަމާދުކުރެއްވުމަށްފަހު ކަމަށެވެ.

ޑރ އިޔާޒް ވިދާޅުވީ ބުއްދި ބަހައްޓައިގެން އިބުރާހިމް މުހައްމަދު ސޯލިޙްއަށް ވޯޓްދެއްވުމަށް އެދިލެއްވި އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355