twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތް ނިންމާ، ރައީސް ހުޅުވާދެއްވައިފި

Sep 21, 2018

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތް ނިންމާ އެކާރުހާނާ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދު ހުޅުވައިދެއްވައިފި އެވެ.

ފުޅީގައި ފެން ބަންދުކުރާ ކާރުހާނާ ހުޅުވައިދެއްވީ މިއަދު ކުޅުދުއްފުއްޓަށް ރައީސް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ތެރޭގައި އެވެ. އެމަނިކުފާނު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތީ ފްލައިޓްގައި ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓަށެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ މި ކާރުހާނާގެ އިމާރާތްކޮށްފައިވަނީ އެމްޑަބުލިއުއެސްސީގެ އޮފީސް އިމާރާތް ކައިރީގައި އެވެ.

އެތަނަން ބޭނުންވާ މުވައްޒަފުން ނަގައި އެމީހުން މިހާރު ވަޒީފާއަށްދަނީ ނިކުންނަމުންނެވެ. ފުޅީގައި ފެން ބަންދުކުރުމުގެ މި ކާރުހާނާގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އަހަރު ނޮވެމްބަރުމަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އިބުރާހިމް ފަޒުލް ވިދާޅުވެފައިވަނީ މި ބޮޓަލިން ކާރުހާނާ އަންނަ އަހަރުގެ ދެވަނަ ކުއާޓާރގައި ނިންމާ ހިދުމަތް ލިބިގެންދާއިރު ފުރަތަމަ ފިޔަވަހީގެ ތެރެއިން މިތަނުން 330 އެމްއެލް، 500 އެމްއެލް، 1.5 އެމްއެލްގެ ފެން ފުޅީގައި ބަންދުކުރެވިގެންދާނެ އެވެ. މިކާރުހާނާއިން ގަޑިއިރަކު 10،000 ފެންފުޅި އުއްފެދުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް ފަޒުލް ވިދާޅުވެފައިވެ އެވެ.

އައިބީއެމްގެ ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މިތަނުގެ ނަތީޖާއާ ބަލާފައި ފަސް ލީޓަރުގެ ފެންފުޅި ބަންދުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެ އެވެ. އެނިޒާމުގެ ދަށުން ގަޑިއިރަކަށް 20000 ފެންފުޅި އުފައްދާނެ އެވެ.

ފަޒުލް ވިދާޅުވެފައިވަނީ މިކާރުހާނާގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއި އަގުހެޔޮކޮށް ފުޅީގައި ބަންދުކުރި ފެން ލިބިގެންދާނެ ކަމަށާއި މި މަޝްރޫއުއަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން ހިންގާވާ މަޝްރޫއުއެއް ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355