އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަމީނީ މަގުގައި ގާއެތުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮޕަރޭޝަން މެނޭޖަރ މުހައްމަދު އަބްދުއްރަހްމާން ވިދާޅުވީ މިމަސައްކަތް ފެށުމަށްޓަކައި ޕްރޮޑަކްޝަން ފެސިލިޓީ ގާއިމުކުރުމަށް ސައިޓަށް މޮބަލައިޒްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދ މާދަމާ މެޝިނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.
މިމަޝްރޫއު ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދާނީ ކުޅުދުއްފުށިން ކަމަށާއި މިފެށޭ ހަފްތާގެ ތެރޭގައި މުވައްޒަފުންގެ ކަންތައް ހަމަޖެހި މިމަޝްރޫއަށް ބޭނުންވާ ތަކެތި ތައްޔާރު ކުރެވޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އިމްޕޯޓް ކުރަންޖެހޭނީ ހަމައެކަނި މަގުގައި އަތުރާ އިންޓަރލޮކިން ގާ ކަމަށް އޮޕަރޭޝަން މެނޭޖަރ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މިދިޔަ އަހަރު އިފްތިތާހުކުރި މިމަޝްރޫއުގެ ދަށުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ ހަމައެކަނި ކުޅުދުއްފުށީގެ އަމީނީމަގު ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އަމީނީމަގާ ގުޅިފައިވާ އެހެން މަގުތަކުގައިވެސް ގައު އެތުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށާއި އެހެންނަމަވެސް އަދި އެގޮތަށް ހަމަޖެހިފައި ނުވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ކުޅުދުއްފުށީ އަމީނީމަގުގެ ދިގުމިނުގައި 1.7 ކިލޯ މީޓަރު ހުރެއެވެ. އަމީނީމަގުގެ ދެފަރާތުގައި 02 މީޓަރުގެ ފުޅާމިނުގައި ޕޭވްމަންޓެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި ވިއްސާރަވެގެން މަގުގައި ހެދޭ ފެންބޮޑުވިޔަނުދީ ކޮންޓްރޯލް ކުރުމަށް މަގުގެ ދެފަރާތަށް 08 އިންޗީގެ ހޮޅިއަކުން ބޭނުންވެއްޖެ ހާލަތެއްގައި އެފެންގަނޑު ބޭރަށް ދަމާލެވޭގޮތަށް ތައްޔާރުކުރާނެކަމަށް މައުލޫމާތު ލިބެއެވެ.
މިމަޝްރޫއަކީ ހުސްވިއަހަރުގެ ޖުލައިމަހު ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން އިފްތިތާހު ކޮށްދެއްވި މަޝްރޫއެކެވެ.
[fpg id=”1302414912_463x563_Ameenee-Magu-Construction.xml”]