ކުޅުދުއްފުށީގައި ހިންގަމުންދާ ރެސްޓޯރަންޓަކުން ސަބްމެރިން ކޭ ބަޔަކު ކާނާ ވިހަވެގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އެބަދެ އެވެ.
އެނގިފައިވާ ގޮތުގައި މި ރެސްޓޯރެންޓަކީ ދާދީ ފަހުން ހުޅުވި ތަނެކެވެ. ކާނާ ވިހަވެފައިވަނީ އެތަނުން ސަބްމެރިން ކޭ ބައެއްކަމަށް މައުލޫމާތު ލިބެ އެވެ.
ކާނާ ވިހަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބަޔަކު ފަރުވާ ހޯދިކަން އެ ހޮސްޕިޓަލުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހޮސްޕިޓަލުގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އިއްޔެ އާއި މިއަދު ކާނާ ވިހަވެގެން ފަރުވާ ހޯދާފައިވާ ކަމަށެވެ.
” އެފަދަ މައްސަލައެއްގައި އިއްޔެ އާއި މިއަދު އެކި ފަހަރު މަތިން ގާތްގަނޑަށް 8 މީހަކަށް ވަނީ ފަރުވާދީފަ. އޭގެ ތެރެއިން ގިނަ މީހުން ވަނީ އެމެޖެންސީގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފަ” ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޖުމްލަ 8 މީހަކު މިހާތަނަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު ތިން މީހަކު ފިޔަވާ އެހެން އެންމެން ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ އެވެ. ތިން މީހުންނަށް މިހާރުވެސް ފަރުވާދެމުންދާއިރު އެމީހުންގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.