ޖަލުގައި ތިބި ސިޔާސީކުށްވެރިން ރެއިން ފެށިގެން ކްރިމިނަލް ކޯޓުން މިނިވަން ކުރަމުން ގެންދާއިރު ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްވެސް މިއަދު ވަނީ ކޯޓުން މިނިވަންކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު މަހުލޫފް މިނިވަންކޮށްފައިވަނީ އެއްވެސް ޝަރުތެއް ކުރުމެއް ނެތި އެވެ. އަދި ފުލުހުން ވެސް އަދި ދައުލަތުން ވެސް ވަނީ މަހުލޫފް ބަންދުން ދޫކުރުމާ މެދު އިއުތިރާފެއް ނެތް ކަމަށް ބުނެފަ އެވެ.
ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލުމަށް ޓަކައި ރޭ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އާއި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި އަލީ ހަމީދު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ.
މީގެ ތެރެއިން އަހުމަދު ނަދީމް، އަބްދުﷲ ސިނާން، އިލްހާމް އަހުމަދު އަދި އަހުމަދު އަރީފު މިހާރުވަނީ ކޯޓުން ދޫކޮށްލާފަ އެވެ.